އަހުރެނަށް ކުޑަވެސް ނެތީ ކުލުނެއް މިހާރަށް ކީއްވެހޭ
ރަހުމުކުރުމުގެ ސިފަތަކުން ހުރުމަތް ކަނޑާލީ ކީއްވެހޭ
***
ރޯދިމާއަށް ފެންނައިރު ހުރި ކުލަތަކާ ސިފަ މަންޒަރާ
ހޯދަމުން ރޯގޯސް ތަސައްވަރަކުން އެކަން ގަޑުބަޑުކުރާ
ލޯ މިހާވަރަކަށް ޚިޔާނާތްތެރި ވަނީ ފަހެ ކީއްވެހޭ
ނަންތަކާ ނަންތަކުގެ ދައުރާ ދާއިރާ އިރުހާމަވާ
ކަންކަމާ ކަންކަމުގެ އަސަރާހުރި ހިނދުން އިހުސާސުވާ
ކަންފަތުން އެހަގީގަތަށް އިންކާރު ކުރަނީ ކީއްވެހޭ
ހިކުމަތަށް އޮތްފުރުސަތާ މެދުގާ މުޅިން އިހުމާލުކޮށް
ފިކުރުވެރި ބުއްދީގެ ޖައުހަރު ނުއަގުގައި ބާޒާރުކޮށް
ސިކުނޑި ފަހެ ދުޝްމިނުވެފާ ހަތިޔާރު ނަގަނީ ކީއްވެހޭ
ވާދަވެރި ތިޔަރޭހުގައި ހިތަކުން މެޑެލިތައް ގިނަ ޖަހާ
މާދަމާއަށް ވީފުރަން ކަންވާރުތަކުގައި މަތިޖަހާ
ވާތަދުން ކެތްނުކުރެވޭ އަނިޔާދެނީ ތިޔަ ކީއްވެހޭ