Support Us

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ހިތޯބު ބީޖިންގުގެ ރިސެޕްޝަންގައި ދައްކަނީ -ފޮޓޯ: ދިވެހި އެމްބަސީ/ޗައިނާ

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ހިތޯބެއް ދެއްވައިފި

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް، ޗައިނާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބޭއްވި ރިސެޕްޝަނެއްގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވެވަޑައިގެން، ޗައިނާ ބަހުން ހިތޯބެއް ދެއްވައިފިއެވެ. މިއީ "ފުރަތަމަ އިންޑިއާ" ސިޔާސަތު ގެންގުޅޭ ދިވެހި ސަރުކާރުގެ ބޭފުޅަކު މިގޮތަށް ޗައިނާ ބަހުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ބަހުން ސަބްޓައިޓްލް އަރަމުންދިޔަ 2:20 މިނިޓުގެ މި ހިތޯބުގައި ޝާހިދު ވާހަކަފުޅު ދެއްކެވީ ޓީވީއެމްގައި ޚަބަރުކިޔަން ގެންގުޅޭ ކަހަލަ އޮޓޯކިއުއެއް ބައްލަވައިގެންނެވެ.

ޝާހިދުގެ ވާހަކަފުޅުގައި އެ ރިސެޕްޝަންގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ވެސް ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް އެހީވާ އެއް ހިއްސާދާރުކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 48 އަހަރު ފުރޭއިރު ދެގައުމުގެ ގުޅުން އާ ހަރުފަތަށް ދާނެ ކަމަށް ދެގައުުމުގެ ރައްޔިތުންނާއި ލީޑަރުން ވެސް ގަބޫލްކުރައްވާ ކަމުގައި ޝާހިދު ފާހަގަކުރައްވައި ޗައިނާ އަށް ޝުކުރު އަދާކުރެއްވިއެވެ.


އިންޑިއާ ނުރުހުންވާތީ، ޗައިނާއާާ ގާތް ގުޅުމެއް ބާއްވަން ރާއްޖެ އަށް ހުރަސްތަކެއް ކުރިމަތިވެފައި އޮންނަ ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ޝާހިދު ޗައިނާ ބަހުން ވާހަކަ ދެއްކެވުމުން އެންމެ ބޮޑަށް އުފާކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒަންގް ލިޒޯންގެވެ.


ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީގެ ޓްވިޓަރ އެކައުންޓުގައި ހުރި ފޮޓޯތަކަށް ބަލާއިރު ވަރޗުއަލްކޮށް ބޭއްވި މި ރިސެޕްޝަންގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވީ ކޮން ބަހަކުން ކަމެއް ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް