Support Us

ހުޅުމާލޭގެ ފޭސް2ގައި މަގު ބައްތިތައް ދިއްލާ ކޭބަލްތައް ވަގަށް ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި

ހުޅުމާލޭ ފޭސް2 ގެ މަގު ބައްތިތައް ދިއްލަން އަޅާފައިވާ ކޭބަލްތައް ވަގަށް ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް 2 ގައި އެޗްޑީސީން ބަހައްޓާފައި ހުރި ކޭބަލްތަކެއް ގެއްލިގެން މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފުލުހުން ބަލަން ފަށައިފައިވާއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އެކްސްގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭގެ ފޭސް2 ގެ ވިނަރެސް ސަރަހައްދުގެ މަގު ބައްތިތައް ދިއްލަން ބޭނުންވާ ކަރަންޓް ވިއުގައިގެ މަސައްކަތް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ.

"މަގު ބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލިން،" ފަޒުލް ވިދާޅުވެފައިވެ އެވެ.

މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެޗްޑީސީން އޯޑަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ.

ހުޅުމާލޭ ފޭސް 2 އަނދިރިކޮށް އޮންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފީއެންސީގެ ހުޅުމާލޭގެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ގެންދަވަނީ އެޗްޑީސީއަށް ވަރަށް ބޮަޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.