އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮކިމް ގޭޓްވޭގައި ފަށައިފައިވާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓުފަހަރުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އެމްޕީއެލުން ވެމްކޯއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ އެކު ކުރިއަަށް ގެންދާނީ އިކޮނޮމިކް ގޭޓްވޭއާ ކައިރި ސަރަހައްދެއްގެ ރަށެއްގައި ކުނި މެނޭޖްކުރާ ފެސިލިޓީއެއް ގާއިމްކޮށްގެން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ވެމްކޯއިން ކުނި މޭނޭޖްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބޯޓު ފަހަރުން ޔޫސްޑް އޮއިލް މެނޭޖްކުުރުމުގެ ހިދުމަތް ދޭނެ ކަމަށާއި ބޯޓު ފަަހަރުން ކުނި ބާލައިގެން ގެންދާނީ އެ ސަރަހައްދު ކުނބުރުދޫގައި ހަދާ ފެސިލިޓީއަށް ކަމަށެވެ.
އެސްޓީއޯއިން ވިޓޯލް އާ އެކު އިހަވަންދިއްޕޮޅު ޒޯންގައި އޯފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މިިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށި ފަހުން ހިދުމަތް ދީފައިވަނީ އެންމެ ބޯޓަކަށެވެ.
އެސްޓީއޯއާ އެކު މި ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:
- ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުން
- ޕްރޮވިޝަން އައި ޝިޕް ސްޓޯރސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ
- ސާފު ބޯފެން ފޯރުކޮށްދިނުން
އެގޮތުން އެމްޕީއެލުން މިހާރު ވެސް ގެންދަނީ ބައެއް ހިދުމަތްތައް އެ ސަރަހައްދުގައި ދެމުންނެވެ.



advertisment