Support Us

އައްޑޫސިޓީގެ އާ އިންޖީނުގެ އަޅަން ބޭނުންވާ ބިން ހޯދުމުގެ މަޝްވަރާތައް ފަށައިފި

އައްޑޫ ސިޓީގައި ފެނަކައިގެ ވާ އާ އިންޖީނުގެ އަޅަން ބޭނުންވާ ބިން ހޯދުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ފެނަކައިން ބުނީ މާލޭގައި ހުންނަ ފެނަކަ އޮފީހުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދާއި ކުންފުނީގެ އިސްވެރިން މިއަދު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އައްޑޫ ސިޓީގައި ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.

"އެ ބައްދަލުވުމުގައި އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައި،" ފެނަކައިން އެކްސްގައި ބުނެފައިވެ އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަަރަންޓް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަ ހައްލުކޮށް، އައްޑޫ ސިޓީއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ މަސައްކަތް ފެނަކައިން ގެންދަނީ ކުރަމުންނެވެ.

އަައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަަކަށް ކަރަންޓް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫޢުގެ މަސައްކަތް ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ކުރިން ވަނީ ބުނެފަ އެވެ.