ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އެދިވަޑައިގަތުމަކަށް އޭނާއާ ބައްދަލުކުރުމުގެ ތިން ޝަރުތަކީ ވެސް އެއްކަމެއް ކަމަށާއި އެއީ ޖަލަށް ލާފައި ހުރި ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ ޝަރުތަކީ ވެސް ރައީސް ޔާމީން މިނިވަންކުރުން. ދެވަނަ ޝަރުތަކީ ވެސް ރައީސް މިނިވަން ކުރުން. އަދި ތިންވަނަ ޝަރުތަކީ ވެސް އެއީ. އެ ވާހަކަ ޖާބިރަށް ވަރަށް ސާފުކޮށް ދަންނަވާފައިވާނެ،" ޖާބިރާ އެކު މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އަދިވެސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިދިކޮޅު ކޯލީޝަންގެ ލީޑަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމަށްފަހު ޖާބިރު ވިދާޅުވެފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު ކޯލީޝަނާ ޑީ.އާރް.ޕީން ގުޅިފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ބައްދަލުވުމަކީ ބައްދަލުކުރަން ބޭނުންވާކަން ހާމަކޮށް ރައީސް ޔާމީނަށް އެޑްރެސްކުރައްވައި ޑީއާރްޕީގެ ލީޑަރު ސިޓީއެއް ފޮނުވުމުން، ރައީސް ޔާމީނުގެ މަޝްވަރާއާ އެކުގައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"އެ މަަޝްވަރާގައި އެއްވެސް އެއްބަސްވުމެއް ހަދައި ސޮއިކޮށްފައި ނޯންނާނެ. އަދި އެ މަޝްވަރާ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމާ ގުޅޭގޮތުންވެސް އެއްވެސް ވާހަކައެއް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ދައްކަވާފައެއް ނުވާނެ. އެކަމާ އެއްވެސް މަޝްވަރާއެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.



advertisment