ފެނަކަ ކޯޕަރޭޝަން ޑިޖިޓަލައިޒް ކުރުމާ ބެހޭ މަގުޗާޓެއް މިއަދު ތަޢާރަފްކޮށްފިއެވެ.
މި މަގުޗާޓުގައި އެ ކުންފުނިން ދެމުންދާ ޚިދުމަތްތައް "އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ" ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމެނެއެވެ.
މިއަދު އިފްތިތާޙް ކުރި "ގިރުނބާ"އަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލައި، ބޭނުން ކުރަން ފެށި އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓެވެ.
"މިއީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަ ގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެކެވެ. މިއާއެކު ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެއެވެ." ފެނަކައިން ބުންޏެވެ.

"ގިރުނބާއަކީ، މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ހުޅުގަނޑު ނިވުނަނުދީ ހިފެހެއްޓުމަށް ބޭނުންކުރެވޭ އާލާތެއް. އަޅުގަނޑުމެން މި ތަޢާރަފްކުރި ގިރުނބާ ޕޯޓަލްއަކީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ހުރިހާ ޑޭޓާއެއް ހިމެނޭ ޑިޖިޓަލް ޕޯޓަލްއެއް،" ފެނަކަގެ އެމްޑީ މުޢާޒް ރަޝީދު ވިދާޅިވިއެވެ.
ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއް ވަނީ ތަޢާރަފް ކޮށްފައެވެ.
"މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުން ފަދަ، މުވައްޒަފުންނާ ސީދާ ގުޅުން ހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލް އާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލް ފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނިފައިވެއެވެ. މީގެތެރެއިން އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެކެވެ." ފެނަކައިން ބުނެއެވެ.
ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ. އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށައިފައެވެ. އަދި އެ ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާޓް މީޓަރަށް ބަދަލު ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"މި ޕްރޮޖެކްޓްގެ ދަށުން ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފެށިފައެވެ. ފެނަކައިގެ އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމެވެ. މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެއެވެ."



advertisment

