ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިހެން ބުނީ ސްޓެލްކޯގެ އަގުވެއްޓޭ ގޮތަށް މީޑިއާގައި ފަތުރަމުންދާ ބައެއް ވާހަކަތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
"މި ކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް. މި ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް. އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ އަޅުގަނޑުމެން ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއް. ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދުނުކެނޑި އެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް. މި ދެންނެވި އުސޫލުތަކާ ޚިލާފަށް މިކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން. އަދި މިއާ ޚިލާފަށް އަމަލު ކުރަމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ރައްޔިތުން މިކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތް ތާނގައި ވެސް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަން،" ސްޓެލްކޯގެ ބަޔާނުގައިވެއެވެ.
"ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިން ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ފާހަގަކުރަން. މި ކުންފުނިން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަޤީންކަމަކީ މިކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަން. އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވަން."



advertisment

