ކޮވިޑް19 ޖެހިގެން މިއަދު 135 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 126 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަނެއް ނުވަ މީހުންނަކީ އެކިއެކި ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 135 މީހުންގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހުންނާއި އިންޑިއާގެ އަށް މީހުންނާއި މިސްރުގެ 2 މީހުންގެ އިތުރުން ނޭޕާލްގެ މީހެކެވެ.
ކޮވިޑް19 ރާއްޖެއިން 7047 މީހުންނަށް ޖެހިފައިވާއިރު 2580 އެކްޓިވް ކޭސް ހިމެނެ އެވެ. އަދި ހޮސްޕިޓަލްތަކުގައި 173 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1460 މީހަކު ހިމެނެ އެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފަ އެވެ.
ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްމަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ އެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.



advertisment