Support Us

ޙާދިސާ އަދި ކާރިސާތައް ގިނަވަމުންދަންޏާ..!

"ނިހާއީ ކާރިސާ އަދި، ޙާދިސާތައް" ގިނަވަމުން ދާނޭ
މިއާ މެދުގައި ވަރަށް ވިސްނައި، ސަމާލު ވެގެން އުޅެން ވާނޭ

ނެތޭ އައިސްފާ މުޞީބާތެއް ޢަމަލުތައް ގޯސްވެގެން ނޫނީ
ވެވޭ ކުށް ފާފަ ވިލަރެސް ކޮށް ބަލައި އިޞްލާޙު ވާން ވާނޭ

* * * * *

ދޮގާ މަކަރާއި ޙީލަތްތެރި ނުބައި ފާޙިޝް އެތައް ކަމަކާ،
ޚުރާފާތުން ސަލާމަތްވާން ދުޢާކޮށް ދަންނަވަން ވާނޭ

ޢަދުލު އިންސާފު މީޒާނުން ޢަދުލުވެރި ސާފު މިންގަނޑަކުން
ޢަދުލް ގާއިމްކުރަން އެންމެން ޢަޒުމް ސާބިތުކުރަން ވާނޭ

ޙަލާލު ޙަރާމް އެނގިތިބެގެން ސަލާމަތް ބުއްދިއަށް ފެނިގެން
ހަލާކާ ގެއްލުމުގެތެރެއަށް ނަފުސު ދޫކޮށް ނުލަން ވާނޭ

ނުބައި އެކިއެކި އުޞޫލްތަކާ ނުބައި ޝައިޠާނު ޢަމަލު ތަކުން
ދުވާލާ ރޭގަނޑާ ބޭކާރު ނުކުރަން ވިސްނަވަން ވާނޭ

ހަވާނަފުސަށް ލަގަން ދޫކޮށް އަވާ މެންދުރުގެ ހުވަފެނުގައި
ޙަޔާތުން އެންމެ ދުވަހެއްވެސް ނަގާނުމެލައި އުޅެން ވާނޭ

ބުނާ ބަހަކާ ކުރާ ކަމަކާ ދެކޮޅު ސީދާ ވެދާ ގޮތަކަށް
ނުވާ އިތުބާރު ދުނިޔޭން އާޚިރަތް ހޯދަން އުޅެން ވާނޭ

ހިތަށްއައި ކޮންމެކަމަކީ އޮތް ކިތަންމެނުބައި ކަމެއް ނަމަވެސް
ހިތަށްއެރި ކޮންމެ ގޮތަކަށް ކޮށް ނުނިއްމަން ހޭއަރަން ވާނޭ

"ރަލާއި ޤުމާރު އަންޞާބާއި އަޒްލާމުގެ" ޙުކުމް ތަކަކީ،
ޙަރާމް ކަންތައް ކަމަށްދެކެގެން މިކަންކަން ދޫކުރަން ވާނޭ

ނިވާ ކޮށްގެން އުޅެން ﷲ އެންގެވި ޢައުރަޔާ މެދުގައި
"ޚިޔާނާތްތެރިވެ ޣާފިލުނުވެ" ނިވާ ކޮށްގެން އުޅެން ވާނޭ

ޢަމަލުތައް ގޯސްވެ މަގުއޮޅުމުން ދިމާވެ ހިނގާނެ އެކި ކަންތައް
ޚަބަރު ޤުރްއާނުގައި ސާބިތު ވެގެންވާކަން އެނގެން ވާނޭ

ޔަޤީނޭ މަރުވެ ނެތި ދާނޭ އަލުން މަޙްޝަރު ކުރެއްވޭނޭ
ޢަޤީދާ ސާފު ސީދާކޮށް މަގުން ދަތުރަށް ފަށަން ވާނޭ

އުޅެން އޮތްމަގު ވަނީ ﷲ ބާވާލެއްވި ޤުރްއާނާ-
ރަސޫލާ ސުއްނަތުން ސާބިތު ވެގެންކަން އެނގެން ވާނޭ

ނުރައްކާތެރި ބަލާޔާ އަދި މުޞީބާތުން ސަލާމަތް އެދި،
ކުށަށް ތައުބާވެ އަސްތަޣްފާރު ކުޅައުން ގިނަ ކުރަން ވާނޭ

ނުބައިހާ ކަންކަމުން ގައުމާ ވަޠަން ރައްކާކުރެއްވުން އެދި،
ދުޢާޔަށް އަތްނަގައި ތިބެގެން ދުޢާކޮށް ދަންނަވަން ވާނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *