ކަރަންޓުގެ ބޮޑު މަސައްކަތެއް ކުރާތީ، ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯގެ ބަޔާނެއްގައި މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓައިފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގުރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މާދަމާ ހެނދުނު 6:00 އިން 7:00 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
"މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެ،" ސްޓެލްކޯއިން ބުންޏެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ."



advertisment

