ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
"ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ އެވެ." އެޗް.ޑީ.ސީގެ އިއުލާނުގައި ވެއެވެ.
"ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ.އޯ.އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ."

މިހާރު ވިއްކުމަށް ހުޅުވާލައިފައިވާ ބިންތަކުގެ މައުލޫމާތު އެޗް.ޑީ.ސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު، ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.



advertisment

