މީސްމީޑިއާގެ މަންސައެއް ކަމަށްވާ ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ ވީޑިއޯ އާއި ފޮޓޯ، ފުޅާ ދާއިރާއެއްގައި ވިއްކަމުންދިޔަ ޗެނަލްތަކެއް ސީޒްކޮށް، އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:
1. ޒުބައިރު އަލީ، 45، އދ. މަހިބަދޫ، ބަހާރުގެ
2. ނާސިފް އަލީ، 46، ދަފްތަރު
3. އިސްމާއިލް ރަބީހް، 26، ކ.ކާށިދޫ، ސިލިންކޯ
ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ޒުބައިރު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށް އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނާސިފު ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރުމުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ހަމަ އެ ދުވަހު ރަބީހު ވެސް ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަސް ބަންދަށް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް، އެ ޗެނަލްތަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރު ފަރާތްތަކުގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޝެއާކޮށްގެން މާލީ މަންފާ ހޯދަމުން ގެންދާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ސައިބާ ކްރައިމް ޔުނިޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
"މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 3،468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވޭ. މި މައްސަލާގައި ތުުހުމަތުކުރެވޭ މީހުންގެ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ އާމްދަނީގެ ގޮތުގައި ނަހަމަ ގޮތުގައި ހޯދައިފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވޭ،" ފުލުހުން ބުނެ އެވެ.
މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް 14 އާލާތް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެމީހުންގެ ނަމުގައި ހަދައިފައިވާ ޓެލެގްރާމްގެ ނުވަ ޗެނަލް ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭގެ އިތުރުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުން ސީޒުކޮށްފައިވާ ކަމަށާއި މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ހިމެނޭ ކަމަށް ވެސް ފުލުނުން ބުނެ އެވެ.
"ބަރަހަނާ ފޮޓޯ އާއި ވީޑިއޯގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭހެން އެ ޗެނަލްތަކުގައި ޕޯސްޓްކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައި،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.



advertisment