Support Us

އެއް ދުވަހުގެ ތެރޭގައި 934 ކޮންޓޭނަރަށް ހިދުމަތް ދީ ރެކޯޑެއް ގާއިމްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލު) އެއް ދުވަހުގެ ތެރޭގައި 934 ކޮންޓެއިނަރަށް ހިދުމަތްދީ ތާރީހީ ރިކޯޑެއް ގާއިމްކޮށްފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އެކްސްގައި ވިދާޅުވިއެވެ. "މިއަދަކީ އެމްޕީއެލް ހަޔާތުގައި ވެސް އެންމެ ގިނަ ކޮންޓޭނަރު ހެންޑްލް ކުރެވުނު ދުވަސް، މިއަދު 934 ކޮންޓޭނަރ އަށް ހިދުމަތް ދެވިފައިވޭ، މީގެކުރިން ވެސް އެންމެ ގިނަ ކޮންޓެއިނާ އެއް ދުވަހުގެ ތެރޭގައި ލޭންޑް ކުރެވިފައިވަނީ މި ދައުރުގައި. އެއީ 650 ކޮންޓޭނަރު."

އެމްޕީއެލުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ "ލައިޓްނިން ސްޕީޑް"ގައި މަސައްކަތްކޮށް ރައްޔިތުންނަށް ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

"މި ފުރުސަތުގައި އެމްޕީއެލްގެ ހިތްވަރުގަދަ ޓީމަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެހެނިހެން ސްޓޭކް ހޯލްޑަރުންނަށް ވެސް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ."

އެމްޕީއެލުން ވަނީ މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ރައްޔިތުންނަށް ދޭ ހިދުމަތް އަވަސް ކުރުމުގެ ގޮތުން ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ވިޔަފާރި ބަނދަރުގެ ޔާޑު ސަރަހައްދަށް 250 ކޮންޓޭނަރު ޖެހޭނެ ޖާގަ އިތުރުކޮށް، އިތުރު 100 ކޮންޓޭނަރު ޖެހޭނެ ޖާގަ ދަނީ އިތުރުކުރަމުންނެވެ.