Support Us

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުުގެ މައްސަލަ:

2007ގައި ނެގި ނިޒާމުގެ ވޯޓް އޮޅުވާލައިފައެއްނުވޭ: އަހުމަދު މުއިއްޒު

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިނގަން ބޭނުންވާ ގޮތް ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި އާއްމު ހިޔާލު ހޯދުމުގެ ވޯޓް އޮޅުވާލާފައިނުވާ ކަމަށް އެ އިންތިހާބްގެ ކަންކަން ކުރުމަށް ހާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީގެ މެމްބަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގި ވޯޓް ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޮޅުވާލައްވާފައިވާ ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އެ ވޯޓު އޮޅުވާލާފައިނުވާ ކަމަށް ވިދާޅުވެ މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2007 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ނިޒާމުގެ ވޯޓް އަށްފަހު، ވޯޓް ފޮށިތައް މާލެ ގެނެސްފައިނުވާ ކަމަށެވެ. އަދި އެ ވޯޓްތައް ގުނާފައިވަނީ އެ ރަށެއްގައި ވޯޓް ނެގި މަރުކަޒުގައި ކަމަށާއި މިއީ އެގޮތަށް ވޯޓް ގުނި ފުރަތަމަ ފަހަރު ކަމަށް މުއިއްޒު ވިދާޅުވި އެވެ.


ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ރައީސް މައުމޫންގެ ވެރިކަމުގައި ވޯޓް ނެގިއިރު ވެސް އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް ގެނައުމަށެވެ. ނަމަވެސް އެފަހަރު ރައްޔިތުންގެ ވޯޓަކުން ނިންމީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ގައި ރައްޔިތުންގެ ވޯޓު ނެގިއިރު ވެސް، ރައީސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. އެ ގޮތުން ރައްޔިތުން ނިންމި ނިންމުން ގާނޫނުއަސާސީގައި ހިމަނުއްވައި، އެ ގާނޫނު އަސާސީ 2008 ގައި ތަސްދީގު ކުރެއްވީ ރައީސް މައުމޫނެވެ.

ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވި ހިސާބުން ފެށިގެން ރައީސް ނަޝީދު ވަނީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން މައުމޫންގެ ހަޔާޕްޕުޅުގައި ހުރިހާ ވޯޓެއް އޮޅުވާލައްވާ މަކަރު ހައްދަވާފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *