Support Us

ހަރަދުތައް ކުޑަކުރަން ސަރުކާރު ކުންފުނިތަކުން ޑޮލަރުން މުސާރަ ނުދޭން އަންގައިފި

ޑޮލަރުން އާމުދަނީ ލިބޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި އިނާޔަތްތައް ދިނުން ހުއްޓާލަން އަންގައިފި އެވެ.

ސަރުކާރުގެ ވިޔަފާރި ތަންތަނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަބްސިޑިއަރީ ކުންފުނިތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ފޮނުވައިފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.

އެ ބޯޑުން ބުނީ ސަރުކާރުން ހަރަދުތައް ހަމަމަގަށް އެޅުވުމަށް ކުރަމުންގެންދާ މަަސައްކަތަށް އެއްބާރުލުން ދިނުމުމަށް ސަރުކާރުގެ ވިޔަފާރި ތަންތަނުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާ ވެސް ކުޑަކުރުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށް އެ ސާކިއުލާގައި އެވެ.

ހަރަދު ކުޑަކުރުމަށް މިއަދުން ފެށިގެން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ވިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.

"ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރެއްގެ ދިގުމިނަކީ ހަ ގަޑިއިރަށްވުރެ ދިގުވާނަމަ ފަސްޓް ކުލާހުގައި ދަތުރު ނުކުރުމަށް" ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުމަށާއި ފެރީ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރާ ދަތުރުތަކުގެ ހަރަދުތައް ފެރީ މެދުވެރިކޮށް ކުރުމަށް ވެސް އެދިފައިވެ އެވެ.

މީގެ އިތުރުން އަތޮޅުތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދުތައް އެންމެ ކުޑަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާއި އަދި ކުންފުނިތަކަށް ސީދާ ފައިދާވާ ބޭރުގެ ބައްދަލުވުންތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވާން އަންގައިފައިވެ އެވެ.

އަދި ސަރުކާރުގެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ހިންގުމަށް އިދާރީ އޮނގަނޑުގައި ހިމެނޭ މުވައްޒަފަކު ނެގުމުގައި ވެސް ކޮންމެހެން ނަގަންޖެހޭ މުވައްޒަފަކު ނޫނީ އެހެން މުވައްޒަފުން ނުނެގުމަށް އަންގައިފައިވެ އެވެ.

"މި ބޯޑުގެ ހުއްދައާ އެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން،" އެ ސާކިއުލާގައިވެ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ރަސްމީގަޑީގައި ނިމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމަށާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރަން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ތަމްރީންތައް ހިންގުމުގައި ކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުން ބޭނުން ކުރުމަށާއި މިވަގުތަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ނޫން އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރަން ވެސް އަންގައިފައިވެ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ކުޑަކުރުމަށް ކުުރުމަށް ކަނޑައަޅާފައިވާ އިތުރު ކަންކަމުގެ ތެރޭގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވެން ހުރި އެންމެ ފުޅާމިނެއްގައި ބޭނުން ކުރުމަށާއި ކަރުދާހާއި ސްޓޭޝަނަރީއަށް ކުރާ ހަރަދު ކުޑަކުރުމާއި އިވެންތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމަށާއި އިވެންޓްތަކުގެ ރިފްރެސްމަންޓް ހަރަދު ކުޑަކުރަން އަންގާފައިވެ އެވެ.

ކުންފުނިތަކަށް ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ގަންނަން ޖެހޭ މިންވަރަށް ގަތުމާއި ފާސްކޮށްފައިވާ ބަޖެޓުން ހަރަދުތައް ކުރުމުގައި ވެސް ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އިތުރު ހަރަދުތައް ނުކުުރުމަށް އެދިފައިވެ އެވެ.