އުތުރުގެ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.
އިންޓަނޭޝަނަލް ފިއުލް ބަންކަރިން ޚިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ޚިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސަރވިސަސް (ޔޫ.އެމް.އެސް)ގެ ނަމުގައެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޔޫ.އެމް.އެސްގެ ވެބްސައިޓް ލޯންކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމެވެ.

ޔޫ.އެމް.އެސްގެ ވެބްސައިޓުން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މައުލޫމާތާއި އެކި ޚިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައްވެސް ލިބޭނެ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.
"އުތުރުގައި އިންޓަނޭޝަނަލް ފިއުލް ބަންކަރިން ޚިދުމަތަށް ފެށުމަށް އެސްޓީއޯއިން ވަނީ ތައްޔާރުވެފައެވެ. މި ޚިދުމަތާއެކު އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް އެމް.ޕީ.އެލްއިން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަރ ބަންކަރިންގ، ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ޚިދުމަތް އެމް.ޕީ.އެލް އިން ފޯރުކޮށްދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އެމް.ޕީ.އެލްއިން ވަނީ ރާވައިފައެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ޚިދުމަތްތައް އަލަށް ފަށާއިރު، ޚިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ "ސަބަބެއް" އުފައްދަންޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ޚިދުމަތްތައް ބައިނަލްއަޤްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށެވެ.
"އުޅަނދުތައް ޚިދުމަތް ހޯދަން އަންނާނީ ޚިދުމަތްތައް ފުރިހަމަވެގެން އަލާށް ފަށާއިރުވެސް ޚިދުމަތްތައް ފުރިހަމަކޮށްދޭންޖެހޭ،" ވަޖީހް ވިދާޅުވިއެވެ. "އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދުފަހަރު ރާއްޖެއަށް ފިއުލް ބަންކަރިން، ނުވަތަ އެހެން ޚިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް."
ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ އަމާޒަކީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ވުޒާރާތަކާ ގުޅިގެން، ޤައުމަށް ފައިދާވާނެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އިންޓަނޭޝަނަލް ފިއުލް ބަންކަރިން ޚިދުމަތުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިއެރުންތައް ހޯދައިދިނުން ކަމަށެވެ. އަދި މި ޚިދުމަތް ދިނުމުގައި އެސްޓީއޯއަށް އެމް.ޕީ.އެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށެވެ.
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށުމުގެ ފުރަތަމަ މަރުހަލާއަކީ މިކަމުގެ މަޢުލޫމާތު ލިބޭނެ ޕްލެޓްފޯމެއް ޤާއިމްކުރުން ކަމަށެވެ. އަދި މިއަދު ލޯންޗްކުރި ވެބްސައިޓަކީ އެކަން ހާސިލްކުރުމުގައި އެމްޕީއެލްއިން ކުރި މުހިންމު މަސައްކަތެއް ކަމަށާއި ދެން ނުހުއްޓި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.



advertisment

