ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވީ ސްޓެލްކޯގެ ނަމުގައި އެކިއެކި ފަރާތްތަކުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގުޅަމުން ގެންދާ މައްސަލައެއް އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެފަދަ ފަރާތްތަކުން ކަސްޓަމަރުންނަށް ގުޅައި އޮޅުވައިލައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހޯދަމުން ގެންދާ ކަމަށާއި ސްޓެލްކޯއިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އެެފަދަ ފަރާތްތަކުން ގުޅުމުން އެ ފަރާތްތަކުން ބޭނުންވާ މައުލޫމާތު ނުދިނުމަށާއި އެފަދަ ފޯން ކޯލްތައް ވަގުތުން ކަނޑާލުމަށް ވެސް ފަހުމީ އިލްތިމާސްކުރައްވަ އެވެ.

މީގެ އިތުރުން ސްޓެލްކޯއާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެ ކުންފުނީގެ ރަސްމީ ޗެނަލް މެދުވެރިކުރުމަށް ވެސް ފަހުމީ އެދިވަޑައިގެންނަވަ އެވެ.
މީގެ ކުރިން ވެސް މިފަދަ ސްކޭމް ކޯލްތަކުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބީއެމްއެލް އާއި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ހިދުމަތްދޭ އެކިއެކި ވުޒާރާތަކުގެ ނަމުގައި އެކި ފަރާތްތަކުން ގިނަ އަދަދަކަށް ފައިސާ ހޯދައިފައިވެ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކާ ގުޅިގެން 500 އެއްހާ ބޭންކް އެކައުންޓްތައް ބްލޮކްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިދިޔަ އަހަރު ސްމޭކް ކޯލްތަކާ ގުޅިގެން 1661 މައްސަލަ ރިޕޯޓްކޮށްފައިވާއިރު އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.



advertisment

