Support Us

އަމިއްލަ އެއްވެސް ދަތުރަކަށް ސަރުކާރުން ހަރަދެއް ނުކުރަން: ރައީސް

އަމިއްލަފުޅު އެއްވެސް ދަތުރުފުޅަކަށް އަމިއްލަފުޅު ފައިސާ ނޫން އެއްޗެއް ހަރަދުކުރައްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ ހަފްތާގައި ސިންގަޕޫރަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅާ ގުޅުވައިގެން، ބައެއް ފަރާތްތަކުން ރައީސް ޑރ. މުއިއްޒުގެ އެ ދަތުރުފުޅަށް ހަރަދު ކުރެއްވީ ކޮން ގޮތަކަށްތޯ ވަނީ ސުވާލު އުފައްދައިފަ އެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ އުސޫލުގައި އޮންނަ ގޮތުން ވެއްޖެއްޔާ މުލީއާގޭ ބަޖެޓުން ރައީސްގެ އަމިއްލަފުޅު ދަތުރުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެމަނިކުފާނުގެ އެއްވެސް އަމިއްލަފުޅު ދަތުރުފުޅެއްގައި އަމިއްލަފުޅު ފައިސާއިން ނޫނީ ހަރަދުކޮށްފައިނުވާނެ ކަމަށެވެ.

"މިއަދާ ހަމައަށް އަޅުގަނޑު ދިޔަ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓްވިޔަސް އެކޮމޮޑޭޝަން ވިޔަސް އެއްވެސް ހަަރަދެއް، އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުންގެ ވެސް ކުދިންގެ ވިޔަސް އެއްވެސް މީހެއްގެ ހަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނުހުންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް. އަޅުގަނޑު ބޭނުމެއް ނޫން އެ ފުރުސަތު އޮތަސް އޭގެން ބޭނުން ކުރާކަށެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިފާނަކީ ކިރިއާވެސް ވާން އޮތިއްޔާ އަމިއްލައަށް ހުރިހާ ކަމެއް ކުރައްވާ ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބަށްފަހު މުލީއާގެ މަރާމާތު ކުރެވެންދެން އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ކަމުގައިވާ މ. ދިމްޔާތުގައި ހުންނެވި އިރު ވެސް ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ.

"ވަރަށް ގިނަ ތުހުމަތުތައް އައި، މުލީއާގޭ ބަޖެޓުންނޭ (ދިމްޔާތުގެ ސެކިއުރިޓީ ބަލަހައްޓަން) ނޫނީ އަޅުގަނޑު ފަހުން ބިލް ކުރިއޭ. ނޫން ނުވެސް ކުރާނަން، އަޅުގަނޑު އަމިއްލައަށް ހުރިހާ ހަރަދެއް ކުރީ. އަޅުގަނޑުމެންގޭގައި ސެކިއުރިޓީ ސެޓަޕް ހަދައިގެން ހުރިހާ ކުއްޔަށް ދޭ ކޮޓަރިތައް ހަމަޖެއްސީ ވެސް އަޅުގަނޑު އަމިއްލައަށް. ހުރިހާ ހަރަދެއް މިދެންނެވީ ސަރުކާރުގެ ބަޖެޓުން އެ ރޫމްތަކަށް ވެސް ލާރިއެއް ނުނަގަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބް ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ހުރިހާ ދަތުރުފުޅުތަކެއްގެ ތަފްސީލް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ގެންދަނީ އެ ދަތުރުފުޅުތަކަށް ފަހު ހާމަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *