އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފައިސާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އެ މަނިކުފާނަށް ދެއްވި ކަމަށް ބުނާ ވާހަކައަކީ އެެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އަދީބަށް ޖާސޫސް ކޮށްދެއްވުމަށްޓަކައި ރައީސް ޑރ. މުއިއްޒަށް އަދީބުގެ ފަރާތުން ފައިސާ ދީފައިވާ ކަމަށް ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ފުލުުހުން ކޮށްފައިވާ ސިއްރު ތަހުގީގު ރިޕޯޓެއްގެ ބައެއް ކަަމަށް ބުނެ ޑޮކުމަންޓެއް ވެސް އެ ޕާޓީގެ އެ ޖަލްސާގައި ވަނީ އާއްމުކޮށްފަ އެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ އެމަނިކުފާނު އެއްވެސް އިރެއްގައި މީހަކަށް ޖާސުސްކޮށްދީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އަދީބުގެ އަތުން އަދި އެހެން މީހެއްގެ ފަރާތުން ވެސް ފައިސާއެއް ހޯއްދަވައިފައި ނުވާނެ ކަމަށެވެ.
އެ މަނިކުފާނަކީ އެއްވެސް އިރެއްގައި އަދީބާ އެހާ ގާތްކޮށް އުޅުއްވި ބޭފުޅެއް ނޫން ކަމަށާއި ކެބިނެޓް ވަޒީރުންނާ އެކު އޮންނަ މީޓިންއެއްގައި ނޫނީ އަދީބާ ބައްދަލުވެފައި ވެސް ނުވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވުމުގެ ހާދިސާއަށް ފަހު އަދީބު ފެނިވަޑައިގަތީ ވެސް އެެންމެ ފަހަރަކު ކަމަށާއި އެއީ އާސަހަރާއަށް ކޮންމެ ވެސް މީހެއްގެ ޖަނާޒާއަށް ވަޑައިގެންނެވިި ދުވަހެއްގައި ސަހަރާ ދޮރުމަތީގައި އަދީބު ހުންނަވަނިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދުވަހަކު ވެސް ބައްދަލެއް ނުކުރަން އެހެންވީމާ އަޅުގަނޑު ހައިރާންވޭ އެކަހަލަ ވާހަކަ (ޔާމީން) ވިދާޅުވީމަ. ވިދާޅުވި ކަންނޭނގެ އަޅުގަނޑު ސިންގަޕޫރަަށް ކުރި ކޮންމެ ވެސް ދަތުރެއްގައި ވެސް (އަދީބާ) ބައްދަލުކުރިއޭ. ހަަަމަ ޔަގީނަށް ވެސް އެމަނިކުފާނަށް މައުލޫމާތު ދެއްވާ ބޭފުޅުން ހަމަ ކަނޑައެޅިގެން ދޮގު މައުލޫމާތު އެ ދެއްވަނީ. އަޅުގަނޑު ހަމަ ހައިރާންވޭ އެކަހަލަ ވާހަކަ އެމަނިކުފާނު ގަބޫލް ކުރައްވާތީ ވެސް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި އެންމެ ގާތުން ހިދުމަތް ކުރެއްވި އެއް ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިގެންނަވާނެ ކަމަށާއި ހަވާލުކުރެއްވި ކޮންމެ ކަމެއްގައި ވެސް ނަތީޖާ ނެރެދެއްވުމަށް ރެއާއި ދުވާލު ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރައްވާފައިވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން 2018ގެ ރިޔާސީ ކެންޕެއިންގައި ވެސް ހެންވޭރު ފިޔަވައި އަނެއް ތިން އަވަށް ބެލެހެއްޓުމަށް ރައީސް ޔާމީން އެމަނިކުފާނާ ހަވާލުކުރެއްވި ކަމަށާއި އަމިއްލަފުޅަށް ފަންޑް ރެއިސް ކުރައްވައިގެން ކެންޕެއިންގެ ހުރިހާ ކަމެއް ކުރެއްވީ ހިތާއި ރޫހުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށްޓަަކައި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އިހުލާސްތެރިކަން ހަމަ ގައިމުވެސް މާތްﷲ ދެނެވޮޑިގެންވާނެ. އަޅުގަނޑު ހަމަ ހައިރާންވޭ އެކަހަލަ ވާހަކަފުޅެއް (ޔާމީން) ވިދާޅުވާތީ ވެސް. އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޕީއެންއެފް އިން އާއްމުކޮށްފައިވާ އެ ރިޕޯޓްގައިވާ އެ ބައިތަަކަކީ ފޯޖްކޮށްފައިވާ ބައިތަކެއް ކަމަށް ފުލުހުންނާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ.



advertisment