ސްޓެލްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށެއްގައި ހިލޭ ސްމާޓް މީޓަރު ހަރުކުރަން ނިންމައިފިއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީ.އީ.އޯ ހުސެއިން ފަހުމީ ވިދާޅުވީ ސްމާޓް މީޓަރުތައް އަންނަ މަހު ހަރުކުރަން ފަށާނެ ކަަމަށާއި އަމާޒަކީ އެ ކުންފުނިން ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރުގެ ހިދުމަތް ހިލޭ ލިބިދިނުން ކަމަށެވެ.
ފަހުމީ ވިދާޅުވީ މިހާރު ސްމާޓް މީޓަރަށް ދިއުމަށް ބޭނުންވާ ސްްމާޓް ގްރިޑްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަަމަށެެވެ.
މިހާރު ދިމާވާ މައްސަލައަކީ ރީޑިން ނަގާތާ 20 ދުވަސް ފަހުން ބިލް ކަސްޓަމަރުންނާ ހަމައަށް ދާއިރު ކަސްޓަމަރުން އުއްމީދުކުރާ ގޮތާ ހިލާފަށް ބިލްގައި އަދަދުތައް ހިމެނިފައިވުން ކަމަށާއި ސްމާޓް މީޓަރަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރިއަލް ޓައިމްގައި ކަސްޓަމަރުންނަށް މޮބައިލް އެޕެއް މެދުވެރިކޮށް ގޭގައި އިނދެގެން ވެސް މީޓަރަަށް އަރާވަރު ބަލާލެވޭނެތީ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"ދެ ހަފްތާ ވަންދެން ވާރޭ ވެހުނީ. ވާރޭ ވެހުން ހުއްޓާލާ ތިން ވަނަ ހަފްތާގައި އަންނާނީ ބިލް. ދިމަލެއް ނުވޭ މޫސުމަކާ. އެއީ ކަންނޭނގެ މި ދިމާވާ މައްސަލައަކީ، އެއީ ކަންނޭނގޭ މި އޮޅުން އަރާ މައްސަލައަކީ، 20 ދުވަސް 25 ދުވަސް 28 ދުވަސް ފަހުގެ ބިލެއް ލިބުނީމަ ވާ ގޮތަކީ އެކޮންސަޕްޝަން ޕެޓާން ހުރި ގޮތަށް ކަސްޓަމަރުން ހަނދާނެއް ނުހުރޭ،" ފަހުމީ ވިދާޅުވި އެވެ.
ސްމާޓް މީޓަރު ސިސްޓަމް އައުމުން ވަގުތުން ވަގުތަށް މީޓަރަށް އަރާވަރު ބަލާލެވޭނެ ކަމަށާއި އަދި އޭސީން އަރާވަރާއި އޭސީން ނިއްވާލީމަ މީޓަރު ހިނގާ ގޮތް ވެސް ކަސްޓަމަރުންނަށް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސްމާޓް މީޓަރުތަކަކީ ވެސް ފުދޭވަރެއްގެ އަގުބޮޑު އެއްޗެއް ނަމަވެސް މިހާރު ހުރި ހުރިހާ ބާ މީޓަރުތަކެއް ނެގުމަށްފަހު ސްމާޓް މީޓަރުތައް ހަރުކޮށްދޭނީ މުޅިން ހިލޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްމާޓް މީޓަރުތައް އައުމުން ވަރަށް ގިނަ އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ރޭގަނޑު ވަކި ޓެރިފެއް އަދި އޮފް ޕީކް އަދި ޕީކަށް ވަކި ޓެރިފެއް ތައާރަފްކުރެވިދާނެ ކަމަށާއި އަދި ޕްރީޕެއިން މީޓަރ ސިސްޓަމެއް ވެސް ދެވިދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ އިތުރު 13 ޖެނަރޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އިންޖީނުތައް ލިބުމުން މާލޭ ސަރަހައްދަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ



advertisment

