Support Us

މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ (ވ)

މަޖީދިއްޔާގެ ކަންކަން ބޮއްސުންލުމުން ޕްރިންސިޕަލާއި ޑެޕިއުޓީ ވަކިކުރަން ބެލެނިވެރިން ތެދުވެއްޖެ

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުންލަމުންދާތީ އެ ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކިކުރަން އެދި ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މަޖީދިއްޔާގެ ހެނދުނާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢަށް މިއަދު ފޮނުވައިފައިވާ 13 ސަފުހާގެ މި ޕެޓިޝަންގައި ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު 35 ކަމެއް ފާހަގަކޮށްފައިވެއެވެ. އެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގައިފައިވާ ޖަރީމާތަކެއް ވެސް ފާހަގަކޮށްފައިވެއެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވަނީ ވެފައެވެ.

"ހިތާމައާ އެކު ދަންނަވާލަން ޖެހެނީ މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ މެޑަމް އާ ދެ ބޭފުޅުންނަކީ ކަންކަމުގައި އެއްގަލަކަށް އަރައި ކަންކަން އެއްބަސްވެވަޑައިގެން މަސައްކަތް ކުރައްވާ ދެ ބޭފުޅުން ނޫންކަމެވެ. ޝީޒާ މެޑަމްއަކީ 15 އަހަރު މި ސްކޫލްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން ޝީޒާ މެޑަމް ގަބޫލްކުރައްވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް އެނގޭނީ އެ ކަމަނާއަށް ކަމަށެވެ. އަނެއްކޮޅުން ޕްރިންސިޕަލް ގަބޫލްކުރައްވަނީ އޭނާ ނޫން މީހަކަށް ހަމަ އެކައްޗެއްވެސް ނޭނގޭނެ ކަމަށެވެ. މިގޮތަށް މި ދެ ބޭފުޅުން ދެ ވިސްނުންފުޅެއްގައި މަސައްކަތް ކުރަން ދިމާކުރާ ދިމާކުރުމުގެ ސަބަބުން މެނޭޖްމަންޓް އަދި މުދައްރިސުންނަށް ކަންކަން ކުރުމަށް އެތަކެއް ހުރަސްތަކެއް އެޅި ކަންކަން ނުކުރެވި ލަސްވެގެން ދެއެވެ. އަދި ކަންކަން ބޮއްސުންލައި ކުރިން ކުރަމުން އައި އެތައް ހަރަކާތްތަކާއި ކްލަބްތަކުގެ އިތުރުން ކިޔެވުމަށް ކުދިންނަށް ފަހިކޮށްދޭންޖެހޭ އެކްސްޓްރާ ކްލާސްތައް ނުބޭއްވި އެއްދުވަހުން އަނެއް ދުވަހަށް ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވެގެންދާތަން މިހާރުވެސް މިދަނީ ހާމަވަމުންނެވެ." އެ ޕެޓިޝަންގައި ވެއެވެ.

"ޕްރިންސިޕަލެއްގެ ޒިންމާއަކަށް ވާންވާނީ ދުވަހަކަށްވުރެ ދުވަހެއް އެ ސްކޫލެއް ކުރިއަރައިދާނޭ ގޮތަކަށް ކަންކަން ރާވައި ހިންގުން ކަމުގައި ވީނަމަވެސް މިއަދު މަޖީދިއްޔާ ސްކޫލުން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މީގެ ދިމާ އިދިކޮޅެވެ. ކިޔެވުމުގެ އިތުރުން ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައިދޭތަނެއް ނުފެނެއެވެ. މި ކަންކަމުގައި ޕްރިންސިޕަލް ގެންގުޅުއްވާ ސިޔާސަތުތައް ދެކޮޅެއް ނުޖެހެއެވެ. މީގެ ނަތީޖާއަކަށް ވެގެން މިދަނީ ދަރިވަރުންނަށް ލިބެންވާ އެތައް ޙައްޤުތަކަކުން އެ ދަރިވަރުން މަހުރޫމުވުމެވެ. ސްކޫލާމެދު ބެލެނިވެރިންގެ ހިތްތަކުގައި އޮތް ލޯތްބާއި އިތުބާރު ގެއްލި މިއަދު ސްކޫލުން ހިންގާ ހަރަކާތްތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ގިނަ ބެލެނިވެރިން ދެކޮޅު ހަދައެވެ. މުދައްރިސުންނާއި ބެލެނިވެރިންނާ ދެމެދު އޮތްގުޅުން ހީނަރުވެއްޖެއެވެ. ކަންކަން ހިނގާ ނުހިނގާ ގޮތް ބެލެނިވެރިންނަކަށް ނޭނގެއެވެ. ކަމެއް ހިނގާ ގޮތް ބެލުމަށް އަމިއްލަ އިސްނެގުމުގައި މަސައްކަތްކުރާ ބެލެނިވެރިއަކަށްވެސް ސްކޫލުންދޭ އެއްބާރުލުމެއް ނެތެވެ. ސްކޫލްގެ އެތައްކަމެއް މިވަނީ ބޮއްސުންލައިގެން ގޮސްފައެވެ. މި ހުރިހައި މައްސަލަތަކެއްގެ ފެށުމަކީ އަދި އަސްލަކީ ވެސް ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުގެ ނާގާބިލްކަމާއި ފަރުވާކުޑަކަމެވެ. މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް މިއަދު މިވަނީ މިހިތި ހަގީގަތް، ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރަން މަޖުބޫރުވެފައެވެ. އެހެންވެ މި ކަންކަން މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށް މަޖީދިއްޔާ ސްކޫލްގެ ބެލެނިވެރިން މިއަދު އެބަ ބޭނުންވެއެވެ."

ޕެޓިޝަންގައި ބެލެނިވެރިން ފާހަގަކޮށްފައި ހުރި މުހިންމު ބައެއް ނުކުތާތައް:

  • މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު، އަށް އަހަރު ނިމި ނުވަ ވަނަ އަހަރު ފާއިތުވެގެންދާއިރު ކަންކަމަށް ހެޔޮ ބަދަލެއް އައިސްފައިނުވާކަން ހިތާމަޔާއެކު ފާހަގަކޮށްލަމެވެ. މަގާމުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު ގިނަ ގޯސްތަކެއް ހެދިފައިވާ ކަމާއި ކަންކަން އިސްލާހު ކުރުމަށް އެދެވޭ މަސައްކަތެއް ކުރެވިފައިނުވާކަން ހުދު ޕްރިންސިޕަލް އަމިއްލަފުޅަށް ގަބޫލުކުރާކަން ބެލެނިވެރިންނަށްވެސް އެނގޭތީ ކަންކަން އިސްލާހު ކުރުމަށް ތަނުގެ ހިންގުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ބެލެނިވެރިންނަށް ގަބޫލުކުރެވި މިނިސްޓަރަށް ޕެޓިޝަނެއް ފޮނުވަން ބެލެނިވެރިން މަސައްކަތް ފެށުމުން "ތިޔަ ޕެޓިޝަންގައި 50 މީހުންގެ ސޮއިވެސް ހަމަނުވާނެ" ކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވާކަންވެސް ފާހަގަކޮށްލަމެވެ. އަދި އެކަމުގައި ސްކޫލްގެ ޕީޓީއޭ ހަރަކާތްތެރިވާނަމަ ޕީޓީއޭ އުވާލުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ޕްރިންސިޕަލް ވިދާޅުވެފައި އެބަހުއްޓެވެ. އުވާލައްވަންޏާ އުވާލައްވަންވީއެވެ. ޕީޓީއޭގެ ވެސް ވަރަށް ގިނަ މެމްބަރުން މި ޕެޓިޝަންގައި ސޮއިކޮށްފައި މިވަނީއެވެ.
  • މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް، ޓީޗަރުންގެ ސިޔާސީ ފިކުރު ހުރިގޮތް ބެލުމާއި ސިޔާސީ ފިކުރު ތަފާތު ޓީޗަރުންނަށް ޕްރިންސިޕަލް އެކިއެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވިކަން އެނގިގެން ދިޔައެވެ. އެގޮތުން އެފަދަ ޓީޗަރުންނަށް މަސައްކަތުގެ ވޯކުލޯޑު ބޮޑުކޮށް ގިނަ ޒިންމާތަކެއް ހަވާލުކޮށް މިފަދަ އެތައްކަމެއް ޕްރިންސިޕަލްގެ ފަރާތުން ފެނިފައިވާކަން ފާހަގަކޮށްލަމެވެ.
  • ލީޑިން ޓީޗަރުން ކަނޑައެޅުމުގައި ކޮލިފިކެޝަނަށާއި ތަޖުރިބާއަށް ބެލުމެއް ނެތި ޕްރިންސިޕަލާ ސިޔާސީ ފިކުރު އެއްގޮތްވާ އަދި މެނޭޖްމަންޓަށް ސަނާކިޔާ ފަރާތްތަކަށް މި މަޤާމުތައް ދިނުމުގައި އިސްކަންދީފައި އެބަހުއްޓެވެ. އެއީވެސް އެންމެން ދަންނަ ހަގީގަތެކެވެ. މީގެ އިތުރުން ތަޖުރިބާއާއި ފަންނުވެރިކަން ހުރި އެތައް މުދައްރިސުންނެއް މަޖީދިއްޔާ ސްކޫލް ދޫކޮށް އެހެން ސްކޫލްތަކަށް ބަދަލުވާން މަޖުބޫރު ކުރުވި ސަބަބުގެ ތެރޭގައި ޝީޒާ މެޑަމްގެ ނުފޫޒާއި ހަރުކަށިކަން ހިމެނެއެވެ. މި މުވައްޒަފުންގެ ތެރޭގައި ކުރިން ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވި ޝަހާދާ، ޒޫޝަން ކަމާލުއްދީން، ޒީނާ ޤާސިމް، ޝާހިރާ އަދި ލީޑިންގ ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ރެހެންދީ، ހަޝްމާ، އަފްރާ ފަދަ ހިންގުން ތެރެއިން ވަޒީފާގެ މާހައުލުގައި ޝީޒާ މެޑަމްގެ އުދަނގުލާ ހުރެ ނޫޅެވިގެން ކަރުނަ އަޅާ ވަކިވެގެން ދިޔަ ފަރާތްތަކެކެވެ. އަދި ކުރިން މަސައްކަތް ކުރެއްވި ޕްރިސިޕަލް ޢަބްދުﷲ ރަޝީދަކީވެސް މިހާރުގެ ޑެޕިއުޓީގެ އުނދަގުލާ ހުރެ ނޫޅެވި ވަކިވެގެން ގޮސްފައިވާ ބޭފުޅެކެވެ. ވަރަށް ގިނަ ދަރިވަރުންތަކެއް އަދި މުދައްރިސުންވެސް ފާހަގަކުރާ ގޮތުގައި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ މެޑަމްއަކީ ގިނަ ފަހަރު ވަރަށް ހަރުކަށިކޮށް މުއާމަލާތް ކުރާ ކަނބަލެކެވެ. އަދި ހަމަ އެހެންމެ ފޭވަރިޒަމް ވަރަށް ބޮޑަށް ގެންގުޅުންވާ ބޭފުޅެއް ކަމަށް އެހެންމެހާ ބެލެނިވެރިންނާއި ގިނަ ދަރިވަރުންތަކެއް ބުނަމުންދާ ބޭފުޅެކެވެ. މިއީ ސްކޫލެއްގައި ވެސް ވެގެން ވާނޭ ގޮތެއް ނޫނެވެ.
  • މަޖީދިއްޔާ ސްކޫލްގެ 30 ކްލާސްރޫމު ފިނިކުރަން ބޭނުންވެގެން، މީގެ ދެތިން އަހަރު ކުރިން ދީލަތި ބެލެނިވެރިޔަކު (ރެޑްވޭވް ސަލީމް) އޭ.ސީ ޔުނިޓްތަކެއް ހަދިޔާކުރެއްވިކަން އެތައް ބެލެނިވެރިޔަކު ދެނެހުންނާނެއެވެ. ނަމަވެސް މިއަދާ އަމައަށް އައިއިރުވެސް އެއްވެސް އޭ.ސީއެއް އެއްވެސް ކްލާހެއްގައި ހަރުކޮށްފައިވާ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި އެ ތަކެއްޗަށް ވީގޮތެއް ބެލެނިވެރިންނަށް އަންގާފައިނުވާކަންވެސް ފާހަގަކޮށްލަމެވެ. މިކަމަކީ ސްކޫލުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލެކޭ ބުނެވޭނޭ ޖާގަ ބެލެނިވެރިންނަށް އެބައޮތެވެ.
  • …މި ސްކޫލްގެ ބެލެނިވެރިންނަކީ ވެސް ވަރަށް ހީވާގިކަމާ އެކު ސްކޫލްގެ ފެއަރ، ޑްރާމާ މުބާރާތް، ކޮންސެޓް ފަދަ ފަންޑް ރައިސިން އިވެންޓްތަކުގައި ވަރަށް ފޯރިއާއެކު ބައިވެރިވަމުން ޚަރަދުތައް ކުރަމުން އައި ބައެކެވެ. ނަމަވެސް ފަހަކަށް އައިސް މި ކަންކަމުގައި ޝާމިލުވެ އުޅޭ ބެލެނިވެރިންގެ ޢަދަދު ދުވަހެއް ދުވަހަކަށް މަދުވެ، ކަންކަން ކުރަން ބޭނުންވާ ބެލެނިވެރިންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. ސަބަބަކީ ބެލެނިވެރީންގެ އަމިއްލަ ހަރަދުގައާއި ބެލެނިވެރިންގެ މަސައްކަތުން ސްޕޮންސަރގެ  ގޮތުގައި ހޯދާ ފައިސާ އިން ކުރެވޭ ޚަރަދު ތަކާއި ބާކީވާ ފައިސާގެ ތަފްޞީލް ބެލެނިވެރިންނާ ހިއްސާކުރެވެމުން ނުދިއުމެވެ. މިގޮތުން އެތައް ފަހަރެއްގެ މަތިން އެކަން ހިއްސާ ކުރަން އެދުމުންވެސް ދެއްވާފައިވާ ޖަވާބަކީ "އެއީ ބެލެނިވެރިންނަށް އެނގެންޖެހޭ މަޢުލޫމާތެއް ނޫން" ކަމަށެވެ. އަދި އަހަރެއް ފެށި ނިމިގެންދާއިރު ސްކޫލަށާއި ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ފުރިހަމަކޮށްދިނުމަށް ބެލެނިވެރިންގެ ގައިން ދާއޮހޮރުވައިގެން އެތައް މަސައްކަތްތަކެއްކޮށް އެތައް ފައިސާއެއް ސްކޫލަށް އެބަ ހޯދައިދެވެއެވެ. އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވާލަންޖެހެނީ މިފަދަ މަސައްކަތްތަކުން ލިބޭ ފައިސާ ސްކޫލުގެ މެނޭޖްމަންޓާ ހަވާލުކުރެވޭ ހިސާބުން ދެން މިފައިސާ ޚަރަދުކުރެވޭ ކަންކަމުގެ ތަފްޞީލު ބެލެނިވެރިންނާ ހިއްސާކުރަމުން ނުދާކަމެވެ. އަދި މި ފައިސާއިން ސްކޫލްގެ ތަރައްޤީއަށް މަސައްކަތް ކުރެވެމުން ނުދާކަންވެސް ފާހަގަކޮށްލަމެވެ.
  • މަޒުމޫނާއި ޅެމާއި ރައިވަރު ލިޔުމާއި ކިޔުމާއި ތަމްސީލް ކުޅުން ފަދަ ހަރަކާތްތަކަކީ އެ ކަންކަމުގެ ސަބަބުން ދަރިވަރުންގެ ހުނަރު އިތުރުވެ، އިލްމީ ހަޒާނާ މުއްސަނދިވުމަށް ފުރުސަތު ފަހިވެގެންދާނޭ ހަރަކާތްތަކެކެވެ.  އެހެންނަމަވެސް އަދަބީ ހަފްތާ ނުވަތަ އަދަބީ ދުވަހެއް ފާހަގަކުރުމަށް މި ސްކޫލްގައި ދިވެހިވަންތަ ހެދުމެއް ލައިގެން ދަރިވަރުން ސްކޫލަށް އައުން ފިޔަވައި އިތުރު ހަރަކާތެއް ނުހިންގާކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މި ޕެޓިޝަން ނިންމާލަމުން ބުނެފައި ވެއެވެ.

"…އަދި ޕްރިންސިޕަލްގެ ފަރާތުން މި ކަންކަމަށް އަހަންމިއްޔަތު ކަމެއްދީގެން މިކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން ނުދާކަންވެސް ބެލެނިވެރިން ފާހަގަކުރެއެވެ. މެދުނުކެނޑި އަށް އަހަރަށް ވުރެ ގިނަ ދުވަހު މި ސްކޫލްގެ ޕްރިންސިޕަލް ކަމުގައި އިންނެވުމުގެ ފުރުސަތު އައިޝަތު މުހައްމަދު ސޯލިހަށް ލިބުމުން މިހާރު ކަންކަން ކުރައްވަމުން އެ ގެންދަވަނީ އަމިއްލަ ގެއެއްގައި ކަންކަން ކުރައްވާ ފަދަ، ޚުދުމުޚުތާރުކަމާއި އަދި އެހައި ނާއިންސާފުންނެވެ. ހަގީގަތުގައި ގާބިލް ކަމާއި ހިންގުމުގެ ޒަމާނީ ވައްޓަފާޅިވެސް ހަމަ ނެތީއެވެ. މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން ގާތްވާއިރު، މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ އެއްވަނަ ސްކޫލްގެ ގޮތުގައި މީގެ ކުރިން ލީޑްކުރަމުން، ނަތީޖާ ނެރެމުން އައި ފަޚުރުވެރި ސްކޫލެކެވެ. ނަމަވެސް ފާއިތުވި އަށެއްކަ އަހަރު ތެރޭގައި ސްކޫލްގެ ހިންގުން ދޯދިޔާވެ، ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ވެސް ދުވަހެއް ދުވަހެއް ގޮސްފައި ވަނީ ފަހަތަށެވެ. މިއީ އަޅުގަނޑުމެން އެއްވެސް މީހަކު ބަލަން ތިބެން ބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އާދޭސްތައް މަނިކުފާނު އަޑުއައްސަވައި އަޅުގަނޑުމެންނަށްވެސް ލިބެންޖެހޭ ހައްގުތަކެއް އޮންނަންވާނެކަން ގަބޫލުފުޅުކުރައްވައި، މިއަދު މި ސްކޫލުގެ ގިނަ ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުންގެ އެދުމަކީ މި ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ މަގާމުން ވަކިކުރައްވައި، ވެވަޑައިގެން އަވަސް ފުރުސަތެއްގެ ތެރޭގައި މި ސްކޫލަށް އައު ޕްރިންސިޕަލަކާއި ޑެޕިއުޓީ ޕްރިންސިޕަލެއް ހަމަޖައްސަވައިދެއްވުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *