ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އޮތީ ވަރަށް ގާބިލް ޓީމެއް ކަމަށާއި މި ގައުމު އަރާސްތުކުރަން އިދިކޮޅު އެމްޑީޕީގެ ލަފާ މި ސަރުކާރަށް ބޭނުންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީ.އެން.ސީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ފަރާތްތަކަށް ލަފައެއް ހުށަހަޅަން ފުރުސަތު ނުދޭ ކަމަށް އިދިކޮޅުން ބުނަމުންދާތީ އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ "މި ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ އިދިކޮޅު އެމްޑީޕީން ބަނގުރޫޓުކޮށްލައިފައި ދިޔަ ގައުމު ބިނާކުރަން" ކަމަށެވެ.
"އަޅުގަނޑުމެން ގައުމެއް އަލުން ބިނާކުރަން އުޅޭ ބަޔަކު ކީއްކުރަންތޯ އެމީހުންގެ ލަފާ ހޯދަނީ، އެމީހުންގެ ލަފާ ހޯދައިފިއްޔާ އަނެއްކާ ނުލަފާ ނޫންތޯވާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒުގެ ޓީމަކީ އެބޭފުޅުން ބަނގުރޫޓު ކޮށްލި ގައުމު ބިނާކޮށް އަލުން އާރާސްތުކުރެވޭ ވަރުގެ ގާބިލް ޓީމެއް. އެ ޓީމަށް ބޭނުމެއް ނުވޭ އެބޭފުޅުންގެ ލަފައެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކީ ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް ޑަބަލް ޑިޖިޓްއިން ބަޖެޓެއް ޑެފިސިޓް ކުރި ސަރުކާރަށްވާނެ ކަމަށެވެ.
"2022 އަދި 2023 ވެސް ފުރަތަމަ ފަހަރަށް ދެ އަަދަދުން ބަޖެޓް ޑެފިސިޓް ކުރި މީހުންގެ ވާހަކަ ތިދައްކަވަނީ. އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަޅުގަނޑުމެން ހޯދައިގެން އަނެއްކާ އަޅުގަނޑުމެން ބޭނުމެއް ނޫވޭ ރައްޔިތުން އަނެއްކާ އެ އަނދަވަޅަށް ވައްޓާލާކަށް،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު މިއޮތް އިގުތިސާދީ ހާލަތަކީ ނިމިދިޔަ ސަރުކާރުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނަގައިފައިވާ ދަރަނި ބޮޑުވެގެން ގޮސް، ގައުމު ވެއްޓިފައިވާ ހާލަތެއް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.



advertisment