އެސް.ޓީ.އޯގެ ދަށަށް ބަދަލު ކުރަން ނިންމައިފައިވާ ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފިއެވެ.
ގައުމީ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް، ގަވަރނަންސް ސިސްޓަމް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަދި ފެނަކައިން ކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށްކުރާ ހޭދަ ކަމަށްވެފައި އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެނަމަ، މި އިންޓަގްރޭޝަން އިން ދެ ކުންފުންޏަށް ލިބޭނެ ފައިދާއާ ބެހޭގޮތުން، އެސްޓީއޯއިން ސަރުކާރަށް މި މަހު 15 ވަނަ ދުވަހު ޕްރޮޕޯސަލެއް ހުށަހެޅި ކަމަށެވެ.
"މި ޕްރޮޕޯސަލް ގަބޫލުކޮށް، ފެނަކަ އަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް، 2024 އޮގަސްޓް 25 ވަނަ ދުވަހު، ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި 2024 އޮގަސްޓް 27 ގައި ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ޖެނުއަރީ 2025 އިން ފެށިގެން، ފެނަކަ މި ކުންފުނީގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި، ފެނަކައާއި، މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމައިފައެވެ. މި ޕްލޭންގެ ތެރެއިން، މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް، ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔު ޑިލިޖެންސް ހެދުމަށާއި، އެސެޓްތައް ވެލިއުކުރުމަށާއި އަދި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށާއި ކުންފުނި ރައިޓްސައިޒްކޮށް އެ ކުންފުނި ހިންގުން ހަރުދަނާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސާއެކު ކުރަންޖެހޭ މަސައްކަތް ކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ އިރުޝާދުދީފައެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.
"ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ، މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވާރަމަންޓް އެންޑް އެނަރޖީ ތަމްސީލްކުރައްވާ ފަރާތްތައް ހިމެނޭގޮތަށެވެ. އަދި އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުކުރެވުމާއެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވަރނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން ޢައްޔަންކުރާ އުސޫލާ އެއްގޮތަށެވެ. ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ، އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށްވާއިރު، މި ފައިސާ އެސްޓީއޯ ގްރޫޕަށް ލިބޭނެގޮތުގެ ޕްލޭނެއް ހެދި، އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މި ކުންފުނީގެ އެންމެހާ ހިއްސާދާރުންނާއި އެހެނިހެން ސްޓޭކް ހޯލްޑަރުންނަށް އަރުވަމެވެ."



advertisment

