ދުވުން އެދި ލޯ ކުރާ އާދޭސް ބުނަން ކެރިދާ ވަރެއް ނޫނޭ
ފުށުން ތިޔަ ދެއްވިހާ ލައްޒަތު ހިތުން ފޮހެވޭވަރެއް ނޫނޭ
ހިތުގެ ވިންދާއި މޭގެ ތެޅުން ލޮލުގެ ނޫރާއި ލޭގެ ހިނގުން
މިތުރު ވަކިވީއްސުރެން ނެތިގޮސް ދިރުންލިބެވޭވަރެއް ނޫނޭ
ރިހުންތަކުގައި ދެއަތް އެޅިޔަސް ދިރުން އެކުގައި ފިލައި ދިޔަޔަސް
ހިތުން ތިހަނދާން ފިލައިގެންގޮސް ރުއިން ނިމިދާވަރެއް ނޫނޭ
ޒަމާން ފަރުވާކުރާނެ ކަމަށް އަމާން އެދިގެން މިހެން ހުއްޓާ
ޖަހާން ފެށި ވިންދުތައް ހިތުގައި ފިލައިގެންދާ ވަރެއް ނޫނޭ
ތިބާގެ އުފާތަކާ ލޯތްބާ ގުޅާލެވިފައިވި ޖަޒުބާތާ
ތިބާގެ ހަނދާންތަކާ ކުލުނާ ހިތުން ފިލުވޭ ވަރެއް ނޫނޭ
މިހެން ސިކުނޑީގެ ހީރަސްކެނޑި ތިހެން މިތުރާގެ ރަޙުމެއްނެތި
މިހެން އުފަލެއް އަރާމެއް ނެތި ދެނެއް ހުރެވޭވަރެއް ނޫނޭ
ފިރާޤުގެ ޚަންޖަރުން ކަތިލެވި ހިތާ މޭގަނޑު އެކީ މާލެވި
ޤަރާރުކަމެއް ހިތަށް ނުމެލިބި މިހެން ކެތްވާ ވަރެއް ނޫނޭ
One Response
ވަރަށް ވެސް ރީތި ޅެމެއް. ޑރ. ޤުބާދަށް ޝކުރާއި މުބާރިކު ބާދީ އަރިސްކުރަން!