ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޣައިރު ގާނޫނީ ގޮތުން ބަދަލުކުރުމަށް އަދި އެނޫން ވެސް ޣައިރު ގާނޫނީ ގޮތަކަށް ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފުރިހަމަ ބާރާ އެކު ގާނޫނާ އެއްގޮތަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ކާޑު ލިމިޓް ކަނޑާލަން ނިންމުމާ ގުޅިގެން ހިނގައިދިޔަ ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބީއެމްއެލް އިން އެ ނިންމުން ނިންމަން އުޅޭކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން ކެބިނެޓްގެ ވަޒީރުންނާ އެކު ވަރަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށާއި އެހެންނަމަވެސް އެ ނިންމުން ނެރުނީ އެމަނިކުފާނު ދެއްކެވި އެއްވެސް ވާހަކައެއް ވެސް އަޑު ނާހާ ކަމަށެވެ.
ރައީސް ވިދާޅުވީ ކާޑުގެ ލިމިޓް ކަނޑާލަން އިއްޔެ ނިމި ނިންމުމަކީ ވަރަށް ދުރާލައި ރޭވިގެން ކުރެވިގެން އައި ކަމެއް ކަމަށެވެ.
"ވަރަށް ގިނަ މަސައްކަތްތަކެއް ދުރާލައި ރޭވިގެން އޭގެ ކުރިން މިތާ ކައިރީގައި ބައެއް ގައުމުތަކުގައި މަގުމައްޗަށް ރައްޔިތުން ނިކުތް ތަނުގެ މިސާލު ދައްކައި ހިތްވަރުދީ، މިހެން ގޮސް ވަރަށް ގިނަ ކަންތައްތައް ކުރަން މަސައްކަތް ކުރި. މިއީ ރޭވިގެން ހިނގި ކަމެއް، އެކުރި ގޮތެއް ބެލުން ފުލުހުން އެ އޮތީ ފަށައިފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ބަޔަކު ކުރަން މަސައްކަތް ކުރިކަން އެ ކަންކަން ފުލުހުން ބެލުމުން ހާމަވެގެންދާނެ ކަމަށާއި ފުލުހުން ކުރާނީ ޕްރޮޕެޝަނަލް މަސައްކަތް ކަމަށެވެ. އަދި މި ސަރުކާރުން ފުލުހުންނަށާއި ސިފައިންނަށް ސިޔާސީ ނުފޫޒު ނުޕޯރުވާނެ ކަމަށާއި އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އިއްޔެ ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން ހިނގައިދިޔަ ކަންކަމަކީ ދުރާލައި ރޭވިގެން ހިނގައި ދިޔަ ކަމެއްް ކަން އެނގޭނެ ކަމަށެވެ.
"މިކުރި ކަންތައް މިއީ ހަމަ (ފިޝަރީޒް މިނިސްޓަރ) ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތަށް މިވާނީ ހަމަ އެޓެމްޓެޑް ކޫއަކަށް، (ހިންގަން އުޅުނު ބަގާވާތަކަށް) އެ ކުރި ބަޔަކު ކުރީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ސަރުކާރު ޣައިރު ގާނޫނު ގޮތެއްގައި ބަދަލު ކުރުމަށް، އަދި އެ ނޫން ވެސް ޣައިރު ގާނޫނީ ގޮތެއްގައި ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ކުރާ މަސައްކަތް ގާނޫނު އަސާސީގައި އޮންނަ ގޮތަކަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ފުރިހަމަ ބާރާ އެކުގައި ގާނޫނު އަސާސީގައި އޮންނަ ގޮތަކަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކުުރާނަަން،" ކަމަށެވެ.
ފުލުހުން ކުރާ ތަހުގީގަށްފަހު އެ ފާހަގަވާ ކަމެއް ތަންފީޒުކުރުމުގައި އެ ކުށްވެރި ވަނީ ކޮންމެ މީހެއް ކަމުގައި ވީނަމަވެސް އެ މީހަކާ ދޭތެރޭގައި ޝަރީޢަތަށް ފޯނުވައިގެން އެމީހަކަށް އެކަން ސާބިތުވެއްޖެ ނަަމަ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި އެކަން މިސަރުކާރު އައުމާ އެކު ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ދިވެހި ބޭނުންކުން އެފަދަ ނިންމުމެއް ނިންމުން ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފެދިދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބީއެމްއެލްގައި އަދި ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުންނާއި ދެން ތިއްބެވި ފަސް ޑިރެކްޓަރުންނަކީ ސަރުކާރުގެ ޑިރެކްޓަރުންނެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މެޖޯރިޓީއެއް ނެތް ކަމަަށާއި ދެެ ޑިރެކްޓަރުންނާއި ޗެއާމަނަކު އައްޔަން ކުރަން ނަން ފޮނުވައިގެން އަދި އައްޔަން ނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބީއެމްއެލްގެ އެ ނިންމުން ބާތިލްކުރުމުގައި ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން ރިޕްރެޒެންޓްކުރައްވާ އިސް ބޭފުޅުންގެ ތެރެއިން ޗަންޕާ މުހައްމަދު މޫސާ އާއި ހުސެއިން އަފީފް ވަރަށް ބޮޑު އެހީތެރިކަން ސަރުކާރަށް ދެއްވިކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.
"އެ ބޭފުޅުންނަށް ރިޕްރެެންޓްވާ ޑިރެކްޓަރުންނާ ވާހަކަދައްކަވައިގެން އެބޭފުޅުން ސަޕޯޓާއި އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގައި އެކުރެވުނު މަސައްކަތުން އިއްޔެ ކެބިނެޓުން ފެށުނީއްސުރެ ނިންމާނުލާ މި ކަމުގައި މަސައްކަތް ކުރެވިގެން ދިޔައިން. ކޮށްގެން އިއްޔެ ހަވީރު އެ ނިންމުން ބާތިލްކުރެވުނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ބީއެލްއެލްގެ އެ ނިންމުމާ ގުޅިގެން އިއްޔެ ހިނގައިދިޔަ ކަންކަން ބެލުމަށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.




advertisment