Support Us

ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފެށުމަށް ގަތަރު އެއާވޭސް އާއި އެމް.ޕީ.އެލް އެއްބަސްވުމަކަށް 

އެމް.ޕީ.އެލް އާއި ގަތަރު އެއާވޭސް އާ ދެމެދު ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސަރވިސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ގަތަރު އެއާވޭސްގެ ޖެނެރަލް ސަރވިސް އޭޖެންޓް އޭސް ޓްރެވަލްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގެވެ.

މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއަރ ޓްރާންސިޕްމަނަޓްގެ ކާގޯގެ ޚިދުމަތް އަމަލީ ގޮތުން ފެށި ފަހުން ފާއިތުވި ދެ ތިން މަހުގެ ތެރޭގައި ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

"މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިންވެސް އެއާލައިންތަކުން ފެށުމަށް އެދެމުން އައި ޚިދުމަތެއް އެކަމަކު މިހާތަނަށް ކޮންމެވެސް ސަބަބުތަކަކާ ހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ޚިދުމަތް މި ފެށީ،" ވަޖީހް ވިދާޅުވިއެވެ. "މިއީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއް. ސްރީލަންކާ އިންވެސް މިކަންކުރޭ. އެކަމަކު ރާއްޖެއަށް މި ލިބޭ އެޑްވާންޓޭޖަކީ ރާއްޖެއިން (ވައިގެ މަގުގެ) ކަނެކްޝަންތައް (ހާއްސަކޮށް ޔޫރަޕަށް) ރަނގަޅުވުން."

ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ބާރު އަޅާ ކަމަށެވެ. އަދި ގަތަރު އެއާވޭސްއާއެކު، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

"މިއީ ޑޮލަރުން އާމްދަނީ ލިބޭ ޚިދުމަތެއް. މި ޚިދުމަތް ލިބިގެން ފުޅާވެގެންދާ ވަރަކަށް، އާމްދަނީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.

އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރ ފިރާގް ވިދާޅުވީ ސީ-ޓު-އެއަރ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފަހިކޮށް ކަމަށެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ މި ޚިދުމަތަށް ތަޖުރިބާއާއެކު. ގަތަރު އެއާވޭސް އަކީ މިހާރުވެސް ދުވާލަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާ އެއާލައިނެއް. އަދި ވިންޓާ (ފިނި މޫސުން)ގައި ހަތަރު ފްލައިޓް އެބަ ބާއްވާ. އެހެންވީމަ މި ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފަހިކޮށް،" ފިރާގް ވިދާޅުވިއެވެ.

މި އަހަރުގެ މާޗު މަހު އެމް.ޕީ.އެލް އިން ތައާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އިން ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ޚިދުމަތް ފެށީ ޓާކިޝް އެއާލައިންސްއާ ގުޅިގެންނެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަނަށެވެ.

އޭގެ ފަހުން، ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް މެދުވެރިކޮށް، ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ ގެނައި ޖުމްލަ 41 ޓީއީޔޫގެ ގާމެންޓް ވަނީ ރާއްޖެއިން ދުނިޔޭގެ އެކި މަންޒިލްތަކަށް އެކްސްޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީ އާއި ޖަރުމަން އެމެރިކާ އާއި ކެނެޑާ އަދި ތުރުކީ ހިމެނެއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެއެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ.