މިހާތަނަށް އެންމެ ގިނަ ކޮންޓޭނަރާ އެކު "ސްޕިލް ނިކެން" ކާގޯ ބޯޓު މާލޭގައި ބަނދަރުކޮށްފައިވާ ކަމަށާއި ވިޔަފާރި ބަނދަރުގެ ޖާގައަށްވުރެ ދެގުނައަށް ކޮންޓޭނަރު އިތުރުވި ދަނޑިވަޅު މޫސުމް ގޯސްވެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތައް ކުރިމަތިލާން ޖެހިފައިވާތީ މުދާ ބޭލުމުގައި ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޕީއެލުން މައާފަށް އެދިއްޖެ އެވެ.
އެމްޕީއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހު "ސްޕިލް ނިކެން" ކާގޯ ބޯޓު އައީ 1،836 ކޮންޓޭނަރާ އެކު ކަމަށާއި މިއީ ރާއްޖެ ބަނދަރުކުރި އެންމެ ބޮޑު ބޯޓު ކަމަށެވެ.
މި ބޯޓަށް ބަރުކޮށްފައި ވަނީ މެލޭޝިއާ އާއި ސިންގަޕޫރުގައި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ ނުގެނެވި ހުރި މުދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ބޯޓާ އެކު މިވަގުތު މާލޭގެ ވިޔަފާރި ބަނދަރަށް އެއްފަހަރާ ބަނދަރުކޮށްފައިވާ އެހެން ބޯޓުފަހަރުގައި ހިމެނޭ ކޮންޓޭނަރުތަކާ އެކު ފާއިތުވި ހަފުތާގައި އިންބައުންޑްކޮށްފައިވާ ކޮންޓޭނަރުގެ އަދަދު 3،000 އަށްވުރެ މަތިވެފައިވާ ކަމަށް އެމްޕީއެލުން ބުނެ އެވެ.
"އިންބައުންޑް ކޮންޓޭނަރުތަކާއި މާލޭގެ ވިޔަފާރި ބަނދަރުގައި މިވަގުތު ހުރި ކޮންޓޭނަރުތަކާ އެކު މާލޭ ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއަށްވުރެ ދެގުނަ އަދަދެއް،" އެމްޕީއެލުން ބުނެ އެެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ އިންބައުންޑް ކޮންޓޭނާ ވޮލިއުމް އާދަޔާ ހިލާފަށް މަތިވި ދަނޑިވަޅުގައި މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވި ކަމަށާއި ހާއްސަކޮށް އެންކަރޭޖް އޮޕަރޭޝަން އާއި ކޮންޓޭނަރުތައް ޓްރާންސްފާ އޮފަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޕީއެލުން ބުނެ އެވެ.
ނަަމަވެސް 'ސްޕިލް ނިކެން' ބޯޓުން ގެނައި 949 ކޮންޓޭނަރު ބާލައި އިންބައުންޑް ކޮންޓޭނަރުގެ އަދަދު އިއްޔެގެ ނިޔަލަށް ދެގުނަ ކުޑަކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
"މާލޭގެ ވިޔަފާރި ބަނދަރަށް އިންބައުންޑް ކޮންޓޭނަރ ވޮލިއުމް އާދަޔާ ހިލާފަށް މަތިވެފައިވާ ދުވަސްވަރެއްގައި، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގެ މަސައްކަތަށް ކުރިއަށްވުރެ ދިގު މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެއް. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެން،" އެމްޕީއެލުން ބުނެފައިވެ އެވެ.
އެމްޕީއެލުން ބުނީ މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިއަހަރު ކުރެވުނު މަސައްކަތުގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރުގެ ޔާޑު ސަރަހައްދަށް 250 ކޮންޓޭނަރު ޖެހޭނެ ޖާގަ ހަމަޖެހިފައިވާ ކަމަށާއި އިތުރު 100 ކޮންޓޭނަރު ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރަހައްދުގެ ރައްކާތެރިކަމާއި ފަސޭހަ ކުރުމަށްޓަކައި ޕޭވްކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން ގެންދާ ކަަމަށް އެ ކުންފުނިން ބުނެ އެވެ.
ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް ވީހާވެސް އަވަހަށް މުދާ ކްލިއާ ކުރުމަށް އެމްޕީއެލުން އެދިފައިވެ އެވެ.



advertisment

