ގައުމުގެ އިގުތިސާދު އަނދަަވަޅަކަށް ވައްޓާލީ އެމްޑީޕީން ކަމަށާއި ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު އެކްސްގައި މިހެން ވިދާޅުވެފައި މިވަނީ ބޭންކް އޮފް މޯލްޑިވްސްގައި 42 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އައިޝަތު ނޫރައްދީން އެ ކުންފުނީގެ ބޯޑުން އިއްޔެ ވަކިކުރުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި، މި ސަރުކާރުން ބީއެމްއެލަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަ އެވެ.
ސަޢީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ބޮޑުު ދަރަންޏެއް ގައުމުގެ ބޮލުގައި އަޅުވައިފައި ކަމަށެވެ.
"100އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތި. މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން. ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަކީ ގައުމުގެ އިގުތިސާދު މުހިންމު ހިއްސާދާރަކަށްވާއިރު ބީއެމްއެލް އަކީ މިނިވަންކަމާ އެކު މަސައްކަތް ކުުރުުމުގެ ފުރުސަތު އެ ބޭންކަށް ލިބިދޭން ޖެހޭ ތަނެއް ކަމަށެެެވެ. އަދި ގައުމުގެ އިގުތިސާދު މިފަދަ ނާޒުކު ފައްތަރެއްގައި އޮއްވައި އާއިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭފުޅަކު ބޭންކުގެ ބޯޑުން ވަކިކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.
މިކަމުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ މާލީ ނިޒާމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މިނިސްޓަރ ސައީދަށް ރައްދު ދެއްވައި ފައްޔާޒު އެކްސްގައި ވިދާޅުވެފައިވަނީ މި ސަރުކާރަށް ރައްޔިތުން ވެރިކަން ހަވާލުކުރީ އެމްޑީޕީއަށް މެނޭޖްކުރަން ނޭނގުނު އިގުތިސާދު ނަގައި ކޮޅަށް ޖަހައިދޭނެ ކަމަށް މި ސަރުކާރުން ވި ވައުދާ އެކުގައި ކަމަށެެވެ. އަދި ފަސް އަހަރު ނިމެންދެން އެމްޑީޕީ އޮތީ ގައުމުގެ އިގުތިސާދު އަނދަވަޅަކަށް ވައްޓާލާފައޭ ކިޔާ އަޑު އަހަން ރައްޔިތުން ބޭނުންނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ހައްލު ކަމަށް އޭނާ ވިދާޅުވި އެވެ.



advertisment

