Support Us

އިހަވަންދިއްޕޮޅުގައި ބަންކަރިން އާއި މެރިޓައިމްގެ އިތުރު ޚިދުމަތްތައް ފަށަނީ

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތާއެކު މެރިޓައިމްގެ އިތުރު ޚިދުމަތްތައް ފެށުމަށް އެމް.ޕީ.އެލް އާއި އެސް.ޓީ.އޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން އެސްޓީއޯ އިން އޮފްޝޯ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭއިރު އެމް.ޕީ.އެލްއިން ފޯރުކޮށްދޭނީ ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތަކެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.

މި ފަހުމުނާމާގެ ދަށުން ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނި ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނެއެވެ.

އެމް.ޕީ.އެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، "އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް" ކަމަށެވެ.

"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރުވެސް ހއ. އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް ހައެއް ނުވަތަ އަށެއް އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލްކުރޭ ފެނުގެ ޚިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެނާއި ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.