Support Us

މިހާރު އަމަލްކުރަމުން އަންނަ ރާއްޖޭގެ ހަ ވަނަ ގާނޫނު އަސާސީ ތަސްދީގުކުރުމުގެ ދަރުބާރު، 6 އޯގަސްޓް 2008 -ފޮޓޯ: ރައީސް އޮފީސް
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުުގެ މައްސަލަ:

ބަރުލަމާނީ ނިޒާމަކަށް ތާއީދެއް ނުކުރަން: ރައީސް މައުމޫން

ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

"ނޫން. އަޅުގަނޑު އެ އިސްލާހަކަށް ތާއީދެއް ނުކުރަން. ބަރުލަމާނީީ ނިޒާމަކީ ރާއްޖެއަށް އެއްވެސް ވަރަކަށް ކަމުދާނެ ނިޒާމެއް ނޫން،" ކޯލީޝަންގައި ހިމެނޭ އެމް.އާރް.އެމްގެ ލީޑަރުކަން ވެސް ކުރައްވާ ރައީސް މައުމޫން "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު ވިދާޅުވިއެވެ. "ރާއްޖޭގައި އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލްކުރަނީ ރިޔާސީ ނިޒާމް."

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ގައި ރައްޔިތުންގެ ވޯޓު ނެގިއިރު ވެސް، ރައީސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. އެ ގޮތުން ރައްޔިތުން ނިންމި ނިންމުން ގާނޫނުއަސާސީގައި ހިމަނުއްވައި، އެ ގާނޫނު އަސާސީ 2008 ގައި ތަސްދީގު ކުރެއްވީ ރައީސް މައުމޫނެވެ.

"އަދިވެސް" އަށް އިންޓަވިއު ދެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވެސް، ރިޔާސީ ނިޒާމަށް ތާއީދު ކުރައްވައި ވަނީ ޝުއޫރު ފާޅުކުރައްވައިފަ އެވެ.


ރައްޔިތުންގެ މަޖިލީހަށް ޖާބިރު މިއަދު ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންވަނީ ސީދާ ރިޔާސީ ނިޒާމުގެ ވެރިކަމެއް ކުރަންޖެހޭ ކަމަށް މުތުލަގަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުން އަންނަ ވެރިކަމުގެ ނިޒާމުގައި ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިނގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާތީވެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ވެރިކަމުގެ ނިޒާމް ބަދަލުވިޔަސް ރައްޔިތުންގެ އަސާސީ ހައްގަކަށް އެއްވެސް އުނިކަމެއް ނާންނާނެ. ބަރުލަމާނީ އަށް ބަދަލުވުމުން އޭރުންވެސް ރައީސުލްޖުމްހޫރިއްޔާ އަކާއި ރައްޔިތުންގެ މަޖިލިހެއް ރައްޔިތުން އިންތިހާބުކުރަންޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އިސްލާހު ހުށަހެޅުއްޅީ ރާއްޖޭގައި ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު ވެރިކަން ހިންގަމުން ދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކެއްގެ މައްޗަށް ކަމަށާއި ވެރިކަމުގެ ނިޒާމް ބަދަލުވެއްޖެނަމަ ވެރިކަން ލިބިގެން ދާނީ ބޮޑުވަޒީރަށް ކަމަށާއި އަދި ބޮޑުވަޒީރު ވެގެންދާނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރާ ޕާޓީގެ ލީޑަރަށް ކަމަށެވެ.

ބޮޑުވަޒީރަށް ވެސް ވެރިކަން ކުރެވޭނީ ވިދިވިދިގެން ދެ ދައުރު ކަމުގައި އިސްލާހުގައި ވާއިރު ބޮޑުވަޒީރުގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު ކަނޑައެޅުމަށްވެސް ވަނީ އިސްލާހުގައި ވެއެވެ. އަދި މީގެ އިތުރަށް ރައީސުލްޖުމުހުރިއްޔާގެ މަގާމަށް ހޮވިވަޑައިގެންނަވާ ބޭފުޅަކު އިންތިހާބު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގެވޭ ސިއްރު ވޯޓަކުން ކަމަށް ވެސް ބުނެފައިވެއެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން ފާޅުގައި މިހާތަނަށްވެސް ބަރުލަމާނީ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާފައި ވަނީ އެމްޑީޕީގެ ރައީސް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ އެކަމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވައެވެ. ނަމަވެސް ޖާބިރުގެ މި އިސްލާހާ ގުޅިގެން ނަޝީދުގެ ފަރާތްޕުޅުން މިކަމާ މެދު ދެކިވަޑައިގެންނަވާ ވަކި ގޮތެއް އަދި ހާމައެއް ނުކުރައްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބޮޑުކަމު އަދި ކުޑަކަމުދާ ނިޒާމެއްހާ ހިސާބުވެސް ޤާއިމުކޮށް ނުދެވިގެން އުޅޭ ބަޔަކަށް ކޮން ބަރުދަމާ ނިޒާމެއްތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *