Support Us

ކިއޮސްކްތައް ދޫކުރާނީ ހަމައެކަނި ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް: އެޗްޑީސީ

ހުލުމާލޭގެ ފޭސް2 ގައި ތަރައްގީކުރާ ކިއޮސްކްތައް ކުއްޔަށް ދޫކުރާނީ ހިޔާ ފްލެޓެއް ލިބިފައިވާ މީހަކަށް ނޫނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް އެކަނި ކަަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް2 ގައި ގާއިމްކޮށްފައިވާ 20 ކިއޮސްކް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަަމަށް އެދި އީއޯއައި ހުށަހެޅުގެ ފުރުސަަތު ހުޅުވާލައިފައިވާ ކަމަށެވެ.

ކިއޮސްކްތައް ހިންގުމަށް ޝަރުތު ހަަމަވާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭ ކަމަށާއި އެެޗްޑީސީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ހުރި މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ފޯމް ހުށަހަޅާ ފަރާތުގެ ނަމުގައި ފްލެޓެއް ނުވަތަ ވިޔަފާރި ބޭނުމަކަށް ނަގައިފައިވާ އެއްވެސް ޔުނިޓަކަށް ފައިސާ ދައްކަން ޖެހި ނުދައްކާ ހުރި ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

"ހިޔާ ފްލެޓްގެ ވެރިފަރާތެއް ކަމުގައިވުން ނުވަތަ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރާތެއް ކަމުގައިވުން،" ކިއޮސްކްއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެޗްޑީސީން ކަނޑައަޅައިފައިވެ އެވެ.

ކިއޮސްކްތައް ކުއްޔަށް ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މަހެއްގެ މައްޗަށް 3،500ރ. ދައްކަން ޖެހޭ މި ކިއޮސްކްތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 1،000ރ. އަށް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

މި ފޯމް ގަންނަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަަމައަށް ކޮންމެ ދުވަހަކު ހެނދުނު 9 އިން ފެށިގެން 2 ޖެހުމާ ހަމައަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ކިއޮސްކް ހިންގާނެ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށާއި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ފޯމް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކުއްޔަށް ހިފާ ފަރާތުން ހިންގަން ޖެހޭ މި ކިއޮސްކްތައް ގުރުއަތުން ލިބޭ ފަރާތްތަކުން އެކުއިޒިޝަން ގޮތުގައި 5،000ރ. ދައްކަންޖެހޭ ކަމަށާއި އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500ރ. ދައްކަން ޖެހެ އެވެ.

ކިއޮސްކްްތަކުން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވަނީ ހެނދުނު 7 އިން ރޭގަނޑު 11 އަށެވެ. ނަމަވެސް ސަރުކާރުން ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފިނަމަ އެ ބަދަލް ކިއޮސްތައް ހިންގުމަށް ވެސް ގެނެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.