ބަހާ އަދަބާއި ތާރީޚަށް އުދަވި ތިޔައޭ އެ އަލި އިރަކީ
ބަހާރުގެ ސާފު ހަނދުވަރު ދޭން ތިޔޭ އުދަވީ އެ އަލި ހަނދަކީ
މުބާރަކުބާދު ދަންނަވަމޭ ގަތައިގެން މަލުގެ ހާރު ހިތުން
މުލާގާތުން އުފާ ދިރުވާ ތިޔޭ ފަރި ރީތި ޖަންނަތަކީ
އަށެއް އޯގަސްޓު ހަނދުމަވެޔޭ ދެހާސް އެގާރަ ވަނަ އަހަރޭ
ވެށިން މި ދިވެހި ވުޖޫދުވި ފަރި ތިޔޭ ފީރޯޒު ނަލަ މުތަކީ
މި ވެށި އުފަލުން ވަނީ ހިނިތުން ތިބާގެ ޢަޒީޒު ޙުރުމަތުގައި
ދިވެހި އަދަބީ ޗަމަން ފަރިކުރި ތިޔޭ ވަސްމީރު ފަރި މަލަކީ
ދިވެހިބަސް ދިވެހި ތާރީޚާ މިއީ ދިވެހީންގެ ޝަރަފުކަމަށް
ދިވެހި ގޮތުގައި ބަޔާންކޮށްދޭ ތިޔޭ ކުޅަދާނަ ދާރިސަކީ
ތުރާ ދައްޗާއި ދަތި ހުއްޓަސް ވަސީލަތް މަދު ބަޖެޓު ކުޑަޔަސް
ބަރާބަރު ޚިދުމަތުން ރޯޝަން ކުރާ ތިޔައީ އެ ދަންމަރަކީ