Support Us

ކަރަންޓު ބޭނުންކުރުމާ ބެހޭ 10 އަހަރުގެ ދިރާސާއެއް ހަދަން އެމް.އެން.ޔޫއާ ހަވާލުކޮށްފި

ކަރަންޓު ބޭނުންކުރުމާ ބެހޭ 10 އަހަރުގެ ދިރާސާއެއް ހެދުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމް.އެން.ޔޫ) އާއި ސްޓެލްކޯ އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކަރަންޓު ބިލްތަކާއި ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އިލްމީ ދިރާސާއެއް ހެދުމާ ބެހޭ ފަހުމަނާމާގައި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒެވެ. ސްޓެލްކޯގެ ފަރާތުން، މެނޭޖިން ޑައިރެކްޓަރު ހުސެއިން ފަހުމީއެވެ.

ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ، ސްޓެލްކޯ އިން ބުނި ގޮތުގައި، "ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުމެވެ."

މި ދިރާސާގައި 2014 އިން ފެށިގެން 2024 އާ ހަމައަށް ޑޭޓާ އިވެލުއޭޓް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މި ދިރާސާގެ އަސާސީ މަޤްޞަދުތައް 
• ކަރަންޓު ބޭނުންކުރާ ވައްޓަފާޅި
• ބިލްކުރުމުގެ ޞައްޙަކަން ވަޒަންކުރުން
• ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން
• ކަސްޓަމަރުންގެ ހިތްހަމަޖެހުން
• މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު

މީގެ އިތުރުން މި ދިރާސާއިން ޙާޞިލްކުރަން ބޭނުންވާ ކަންކަމަކީ:

1. ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުން
2. އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން
3. މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ޞައްޙަކަން ކަށަވަރުކުރުން
4. ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުން
5. ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުން
6. ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު ދެނެގަތުން
7. ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުޙަލާތަކަށް އެހީތެރިވުމަށްޓަކައި ޚިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން