މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވާން ޖެހުނީ ކީއްވެތޯ ދެނެގަތުމަކީ ސްޓެލްކޯ އަށް ވަރަށް މުހިއްމު ކަމެއް ކަމަށް ނިންމައި، އެކަން ބެލުމަށް ސްޓެލްކޯގެ ހާއްސަ ޓީމުތަކެއް ގޭގެ އަށް ފޮނުވަން ނިންމައިފި އެވެ.
ސްޓެލްކޯގެ އެންމެ އިސް ވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން އެޕާޓްމެންޓްތަކަށް ގޮސް ސްޓެޓިސްޓިކަލީ ބަލާނަން. އެޕާޓްމެންޓްތަކަށް ވިޒިޓްކޮށްފައި އެނާޖީ އޮޑިޓެއް ހަދާނަން. އެ ތަންތަނުގެ ހާލަތު ބަލާނަން އެ ތަންތަނުގައި ބޭނުން ކުރަނީ ކޮންކޮން އާލާތްތަކެއްތޯ. އެޕާޓްމެންޓްގެ އިންސުލޭޝަން ހުރީ ކިހިނެއްތޯ ބަލާނަން،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ހުސްވިމަހުގެ ބިލް ބޮޑުވާން ޖެހުނީ ކީއްވެތޯ ދެނެގަތުމަކީ ސްޓެލްކޯ އަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވާތީ އެނާޖީ އޮޑިޓެއް ހަދަން ބޭނުންވާ ކަމަށެވެ. އަދި އެނާޖީ އޮޑިޓަށްފަހު އެ ކަންކަން ދެނެގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"ސްޓެލްކޯއިން ކަރަންޓް ބިލް ހަދަނީ ރީޑިން އަށް ބެލުމަށް ފަހު. ބިލް ކުރުމުގައި ސްޓެލްކޯއިން އެއްވެސް އޮޅުވާލުމެއް ނޯންނާނެ. އެ ޝަކުވާތައް އައީމާ އަޅުގަނޑުމެންނަށް ވެސް (ބިލް) ބޮޑުކަން ގަބޫލު ކުރެވޭ. އެހެން ނަމަވެސް ހުޅުމާލޭގައި އިތުރު ފެކްޓާއެއް އެބަ އުޅޭ. ބައެއް ތަންތަނަކީ 1،500 ސްކެއާ ފީޓުގެ އެޕާޓްމެންޓް 2،000 ސްކެއާ ފީޓުގެ އެޕާޓްމެންޓް،" ފަހުމީ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި 70،000 އަށްވުރެ ގިނަ ގޭބީސީ އަށް ކަރަންޓު ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދެއެވެ. އެންމެ ޕީކް ވަގުތުތަކުގައި 100 މެގަވޮޓަށް އަރަ އެވެ.
ސްޓެލްކޯ އިން ބުނީ މި އަހަރުގެ އެންމެ ޕީކް ވަގުތުގައި ކަރަންޓު ބޭނުން ކުރި މިންވަރު 113 މެގަވޮޓަށް ވެސް އެރި އެވެ.



advertisment

