Support Us

ކުޅުދުއްފުށި ޕޯޓްގެ ބޯޓްޔާޑްގެ މަސައްކަތް ނިމެނީ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ހދ. ކުޅުދުއްފުށި ޕޯޓްގައި ޤާއިމްކުރާ ބޯޓް ޔާޑްގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެމް.ޕީ.އެލް އިން ބުނެފިއެވެ.

ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފުޓޫގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމާއި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް އިއްޔެ ވަނީ ވަޑައިގެންފައެވެ.

"ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތެވެ. މި މަސައްކަތް ނިންމައި، މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ބޯޓް ޔާޑް ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވެއެވެ. ފިނިޝްގެ މަސައްކަތްތައް ނިންމައި، ޚިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެއެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ވެއެވެ.

ސީ.އީ.އޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި، މި ބޯޓްޔާޑަކީވެސް މެރިޓައިމްގެ ޚިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ޤާޢިމްކުރުމުގެ ފެށުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށްދެއެވެ." އެމް.ޕީ.އެލްގެ ބަޔާނުގައި ވެއެވެ.