Support Us

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ހަފުލާގެ ތެރެއިން..  -އަދިވެސް ފޮޓޯ

ފީޗަރ: ދުޢާއާ އެއްގޮތަށް… ޝަލަބީ އަށް ޝިފާ ލިބިއްޖެ

ޝިފާ އަށް ފޯނެއް އައެވެ. ޝިފާ ފޯނު ނެގިއެވެ.

"ކިހިނެއް ހާލު ޝިފާ؟"

"ހާލު ރަނގަޅު. ތިއީ ކާކުކަމެއް އަދި ނޭނގޭ."

"މިއީ ޝަލަބީ."

"ޝަލަބީއޭ؟ ޝަލަބީއޭ ބުންޏަކަސް ގަބޫލެއް ނުކުރާނަން. ކޮންމެ މީހަކު ވެސް ގުޅާފާނެ ތިހެން ކިޔާފައި."

"އަސްލުވެސް މިއީ ޝަލަބީއޭ. ދެން ކިހިނެއް ހެދިއްޔާ ޝިފާ ގަބޫލްކުރާނީ؟"

"އެއްކަލަ ލަވަ ކިޔައިދިނީމަ ގަބޫލްކުރާނީ."

"މަގޭ ހާލު ބުނެދެން މިތުރާއޭ، ޔާރުގެ ހިޔަނިން، މަދަދު ލިބުން އެއީ އަޅުގެ ދުއާއޭ. ދެކޭ ޚިޔާލީ އާލަމުގާ ވެސް، ރަނިކަމުގާވީ، އާދެ ތިބާއޭ… އާދެ ތިބާއޭ."

އެއީ، 2016 ގެ މޯލްޑިވިއަން އައިޑަލް ސީޒަން ނިމި، އެތައް ދުވަހެއް ފަހުން ޝިފާގެ ހާލު ބަލައިލަން ޝަލަބީ ގުޅި ފުރަތަމަ ދުވަހެވެ.

ޝީފާ އަކީ ވެސް ޝަލަބީއާއެކު އައިޑަލްގައި ލަވަކީ ކުއްޖަކަށް ވާތީ، ދެ މީހުންގެ ދެމެދުގައި ރައްޓެހި ކަމެއް އޮތެވެ.

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ހަފުލާގެ ތެރެއިން..  -އަދިވެސް ފޮޓޯ

"އަޅުގަނޑަކަށް ހަމަ ނޭނގުނު ޝަލަބީ ކަމެއް އެއީ (ފޯނުކުރީކީ). އެހެންވެ ބުނީ ލަވައެއް ކިޔައިދޭށޭ އޭރުންނޭ އެނގޭނީ،" އައްޑޫ ހިތަދުއަށް އުފަން ޝީފާ އިބްރާހިމް، 21، ބުންޏެވެ. "އެއީ ހަމަ ރައްޓެހިކަމެއް. އައިޑަލް އަށްފަހު ޝަލަބީ އަޅުގަނޑަށް ގުޅާލާނެ އެހެން އުޅެލާފަ އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް. ހަމަ އަހަރަކު އެންމެ ދުވަހަކު ގުޅާލާނީ. ދެން ނުގުޅާނެ. ހާލު ބަލައިލަން ޝަލަބީ ގުޅާލަނީ."

ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިއުުންތެރިޔާ އަލީ ރަމީޒުގެ އަޑާ ވައްތަރު ގޮތްތަކެއް ހުންނަ ޝަލަބީގެ އަޑުން، އަލީ ރަމީޒުގެ އެންމެ ހިނގި ލަވަތައް ވިރުވާއަޅަން ފެށުން ވެގެންދިޔައީ ޓީވީއެމުން މޯލްޑިވިއަން އައިޑަލް ބަލަމުންދިޔަ ޒުވާން އަންހެން ކުދިންގެ ހިތްތަކުން ޝަލަބީ، 23، އަށް ޖާގައެއް ދެވުނު ކަމަކަށެވެ. އެއާއެކު، ޝަލަބީއާއެކު ސެލްފީ ނަގަން ބޭނުންވެގެންނާއި ވާހަކަ ދައްކާލަން ވެގެންނާއި ބައްދަލުކޮށްލަން ބޭނުންވި ކުދިންތައް އިންތިހާއަށް ގިނަވެގެންދިޔައެވެ. މާލެއާއި ރަށްރަށުގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް ޝަލަބީގެ ޝޯތަކަށް ޑިމާންޑް ބޮޑުވެ، ގިނަ ޝޯތަކެއް ޝަލަބީ އަށް ދޭންޖެހުނެވެ. މޯލްޑިވިއަން އައިޑަލްގައި ލަވަކިޔައިގެން ޝަލަބީއަށްވުރެ ބޮޑަށް މަޝްހޫރުކަމާއި މަގުބޫލްކަން ހޯދި އެހެން ފަންނާނެއް ނެތެވެ.

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ހަފުލާގެ ތެރެއިން..  -އަދިވެސް ފޮޓޯ

ލޯބީގެ ގޮތުން ޝަލަބީ ތިން ކުއްޖަކާ ގުޅުނެވެ. ނަމަވެސް ކައިވެންޏަކާ ހަމައަށް ނުގޮސް މިހާ ދުވަސްވީ، އޭނާގެ ހަގީގީ ރަނިކަމަނާއާ ދިމާނުވާތީކަން ޔަގީނެވެ.

"އަހަރަކަށް ވުރެ ގިނަ ދުވަސް މި ވަނީ ޝިފާއާ ގުޅުނު ފަހުން… އެނިވަރސަރީ އެއީ ކޮން ދުވަހެއް ކަމެއް ނޭނގޭ ބުނާކަށް،" ޝަލަބީ ބުންޏެވެ. "ޝިފާ އަކީ ވަރަށް ރަނގަޅު ކުއްޖެއް."

"މަގޭ ހާލު.." އަކީ އައިޑަލްގެ ޕިޔާނޯ ރައުންޑުގައި ޝަލަބީ ކިއުމުުން، އާންމުންގެ އެންމެ ބޮޑު މަގުބޫލްކަމެއް ލިބުނު އެއް ލަވައެވެ. އައިޑަލް ޓީމު ތެރޭގައި ވެސް އެ ލަވަ ވަރަށް މަގުބޫލެވެ. އެ ދުވަހު ލަވައެއް ކިޔައިދޭށޭ ޝިފާ ބުނުމުން ޝަލަބީ ވަގުތުން އެ ލަވަ ކިޔައިދިނީ، ޝަލަބީގެ ހިތުގައި ކޮންމެ އެއްޗެއް އޮވެގެން ކަމަށް ވިޔަސް، އަދި އެއްވެސް އެއްޗެއް ހިތުގައި ނެތި ކަމަށް ވިޔަސް ވެސް، އެ ލަވައިގައި ޝަލަބީ ކިޔައިދިން ހުރިހާ ވާހަކައެއް މިއަދު މި ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. އޭނާގެ ދުއާއާ އެއްގޮތަށް، ޝަލަބީ އަށް ޝިފާ ލިބިއްޖެއެވެ.

"މަގޭ ހާލު ބުނެދެން މިތުރާއޭ، ޔާރުގެ ހިޔަނިން، މަދަދު ލިބުން އެއީ އަޅުގެ ދުއާއޭ. ދެކޭ ޚިޔާލީ އާލަމުގާ ވެސް، ރަނިކަމުގާވީ، އާދެ ތިބާއޭ… އާދެ ތިބާއޭ…"

ޝިފާ އަށް ފޯނުން އެ ހިތްގައިމު ލަވަ ޝަލަބީ ކިޔައިދިންތާ މިއީ ހަތަރު އަހަރު ފަހެވެ. ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ފެމިލީ ކޯޓާ ގުޅައިގެން ކުރިއަށްދިޔަ ކައިވެނީގެ މަޖިލިސްގައި، ކައިރީގައި ޝިފާ ބައިންދައިގެން އިނދެ ޝަލަބީ އެ ބުނަނީ "އަނބި ގަބޫލްކޮށްފިން" ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް ކޯލުގައި ގާޒީ ބައްލަވަން އިންނަވަނިކޮށް، ދެ ހެކިންގެ ހާޒިރުގައި ޝަލަބީ ދިއްކޮށްލުމުން، ސަގާފީ ދިވެހި ލިބާހެއް ލައިގެން އިން ޝިފާ އެ ހިފަނީ ރަނުގެ ގޮތުގައި ޝަލަބީ ދޭ 1234.56ރ.ގެ ހާއްސަ ފަރުމާގައެވެ.

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ މަޖިލިސްގެ ތެރެއިން..  -އަދިވެސް ފޮޓޯ

"ހިޔެއް ނުުކުރަން މި ދުވަސް އަތުވެދާނެ ކަމަކަށް. ހަމަ އެއްގޮތަކަށް ވެސް ހިތަކަށް ނަރާ ޝަލަބީއާ މެރީކުރެވޭނެ ކަމަކަށް،" އަލަތު ކައިވެންޏަށްފަހު "އަދިވެސް" އަށް ދިން އިންޓަވިއުއެއްގައި ޝިފާ ބުންޏެވެ. "އެންމެ ފުރަތަމަ ދުވަހުއްސުރެ އޮތީ ހަމަ ރައްޓެހި ކަމެއް."

އައިޑަލް އަށްފަހު، އަހަރަކު އެއް ފަހަރު ޝިފާ އަށް ގުޅަމުން އައިސް، ޝަލަބީއާއި ޝިފާ ބައްދަލުވާން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައި، އަބްދުﷲ ޝަފީގު (ސައްޕޭ)ގެ ހައުސް އޮފް މިއުޒިކްގެ ޝޯތަކުގައި ކުޅެން ޝަލަބީ ދައުވަތު ދިނުމުން ކަމަށެވެ.

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ހަފުލާގެ ތެރެއިން..  -އަދިވެސް ފޮޓޯ

"އޭގެ ފަހުން ވަރަށް ގިނައިން ދިމާވޭ. އެކަމަކު އޭރު ވެސް އޮތީ ހަމަ ފްރެންޑްޝިޕް،" ޝިފާ ބުންޏެވެ. "ދެން އަބަދު މީޓުވެ، ޝޯތަކުގައި ބައިވެރިވެ، ވާހަކަ ދެކެވި އުޅެމުންއުޅެމުން ގޮސް އެކަކު އަނެކަކަށް ލޯބި ވެވުނީހެން ހީވަނީ. އަނެއްހެން ރައްޓެހިވާކަށް ވެސް ނާހާ. މެރީކުރަންވެގެން ޑޭޓެއް ސެޓްކުރީ،" ޝިފާ ކިޔައިދިނެވެ.

ޝިފާ ބުނީ އޯގަސްޓް 23 އެއީ އެއްވެސް ގޮތަކުން ހާއްސަ ދުވަހެއް ނޫން ކަމަށާއި ކައިވެނިކުރަން ފުރުސަތު ލިބުނު ތާރީހެއް ކަމަށެވެ.

ޝިފާ ބޭބީއެއް ބޭނުންހެއްޔެވެ؟

"ބޭބީއެއް ބޭނުން. އެކަމަކު އަދި އެހާ އަވަހަކަށް ނޫން،" ޝިފާ ބުންޏެވެ.

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ކުޑަ ޕާޓީއެއް މިއަދު ހަވީރު އޮތެވެ. އިންޑިއާ ތީމަށް އޮތް އެ ޕާޓީގައި ދެމަފިރިން ވެސް ތިބީ އިންޑިއާ ސްޓައިލްގެ ކޮސްޓިއުމުގަ އެވެ. ޝިފާ ރަތް ކުލައެވެ. ޝަލަބީ ކަޅެވެ. ގޯމޭ ރެސްޓޯރަންޓުގެ ޓެރަސްގައި، ކޮވިޑްގެ ރައްކާތެރި ފިޔަވަޅުތަކާއެކު، އޮތް ކުޑަކުޑަ އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތު އާއިލާގެ މަދު ބަޔެކެވެ.

ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ހަފުލާގެ ތެރެއިން..  -އަދިވެސް ފޮޓޯ

ޝަލަބީގެ ވެޑިންގައި މިއުޒިކް ކުޅުނީ މަޝްހޫރު ލަވަކިއުންތެރިޔާ އަހުމަދު އިބްރާހިމް (އައްމަޑޭ) ހިމެނޭ ހައުސް އޮފް މިއުޒިކްގެ ބޭންޑެވެ. އައްމަޑޭގެ ރެޕަޓުވަރގައި، ދިވެހި ލަވަތައް ކިތަންމެ ގިނަ ނަމަވެސް "މަގޭ ހާލެއް.." މިއަދަކު ނެތެވެ. އެހެން ނަމަވެސް ޝިފާގެ ހިތުގައި އެ ލަވަ، އެކި ބީޓަށް އޭރު ވެސް ޖަހަމުންދާނެކަން ޔަގީނެވެ. ކަށަވަރެވެ. ޝަލަބީގެ އަޑުންނެވެ.
"ދެކޭ ޚިޔާލީ އާލަމުގާ ވެސް، ރަނިކަމުގާވީ، އާދެ ތިބާއޭ… އާދެ ތިބާއޭ. މަގޭ ހާލު ބުނެދެން މިތުރާއޭ، ޔާރުގެ ހިޔަނިން، މަދަދު ލިބުން އެއީ އަޅުގެ ދުއާއޭ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *