ހއ. އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި އުލިގަމު ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އުލިގަމު ކައުންސިލް އިދާރާގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އުލިގަމު ކައުންސިލްގެ ފަރާތުން، ކައުންސިލްގެ ރައީސް އަހްމަދު މުޢާޒް މުޙައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެއެވެ.
ސޮއިކުރުމުގެ ރަސްމީޔާތުގައި ސީ.އީ.އޯ ވަޖީހް ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި، ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ. އަދި މިހާރު ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މަޝްވަރާކުރެވެމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
"ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް އެއީ ދިވެހިރާއްޖޭގައި މެރިޓައިމް ސެކްޓަރ ވަރަށް ބޮޑަށް ފުޅާކުކުރުން. އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓްފަހަރު ޒިޔާރަތްކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދުފަހަރަށް ބޭނުންވާ ޚިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ،" ވަޖީހް ވިދާޅުވިއެވެ. "އެހެންވެ އަޅުގަނޑުމެން މި ބެލީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމްކުރަން. ކޮންސެޕްޓް ހަދައި ނިމި، އިންވެސްޓަރުންނާ ވާހަކަދައްކަމުން މި ދަނީ. މާލަސްތަކެއް ނުވެ ގަބޫލްކުރެވޭނީ މި އަހަރުގެ ތެރޭގައި (އަމަލީ) މަސައްކަތްތައް ފެށިގެންދާނެކަން. އޭރުން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ."

ވަޖީހް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ޚިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެމް.ޕީ.އެލް އިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޚިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.
"ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމް.އެން.ޑީ.އެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމް.ޕީ.އެލް އިން. މި މަހުގެ 10އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައްވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.
އުލިގަމު ކައުންސިލްގެ ރައީސް މުޢާޒް ވިދާޅުވީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަކީ އެ ރަށުގެ ރައްޔިތުން "ދުވަސްވީ ހުވަފެނެއް" ކަމަށެވެ.
"މި ރަށަށް ރާއްޖޭން ބޭރުގެ އުޅަނދުފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުހުރޭ. ޔޮޓްފަހަރަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން (ޔޮޓް މެރީނާއެއް ނެތިގެން) އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ. މި ރަށަށް މި ފުރުސަތު ފަހިކޮށްދެވިކަމަށްޓަކައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމް.ޕީ.އެލްއަށް ޝުކުރު އަދާކުރަން،" މުޢާޒް ވިދާޅުވިއެވެ.



advertisment

