"އޯވަވިއު އެފެކްޓް" ކިޔާ ލަފުޒެއް އަޑުއެހިން ހެއްޔެވެ؟ މިއީ ޖައްވަށް ދާ އެސްޓްރޮނޯޓުންނަށް ދުނިޔެ އެހާ ދުރުން ފެނުމުން ތަޖުރިބާ ކުރެވޭ އިހުސާސެކެވެ. ވަރަށް ވަރުގަދަ ޖަޒުބާތެކެވެ. އެސްޓްރޮނޯޓުން ބުނަނީ އަހަރެމެންގެ ބިން ނުވަތަ ޕްލެނެޓް އާއި މި ބިމަށް ދިމާވެފައިވާ މައްސަލަތަކާމެދު ދެކެވޭ ގޮތް މުޅިން ބަދަލުވެގެންދާ ކަމަށެވެ.
ދުނިޔޭގެ ތާރީހުގައި ވެސް ޖައްވުން ދުނިޔެއާ ދިމާއަށް ބަލައިލުމުގެ ފުރުސަތު ލިބިފައިވަނީ ނިސްބަތުން މަދު މީހަކަށެވެ. ސީދާ ބުނާ ނަމަ ޖައްވަށް ދިޔަ މީހުންގެ އަދަދު 600 އަށްވުރެ ވެސް މަދެވެ. ޖައްވުގައި ތިބެގެން ދުނިޔެއާ ދިމާއަށް ބަލައިލުމުން މި މީހުންނަށް ހަޔާތާއި ދުނިޔޭގެ މައްސަލަތަކާމެދު އިހުސާސް ކުރެވުނު ކަންތައްތައް އަހަރެމެން ބިމުގައި ތިބި މީހުންނަށް އިހުސާސް ކުރެވޭ ގޮތާ ތަފާތެވެ. ޖައްވުގައި ތިބެގެން، އެހާ ދުރުން ދުނިޔެއާ ދިމާއަށް ނަޒަރުހިންގައިލުމުން ގައުމުތަކުގެ ދޭތެރޭގައިވާ ބޯޑަރުތަކެއް ނުފެނެއެވެ. ނަސްލީ، ދީނީ، އަދި އިގުތިސާދީ މައްސަލަތަކެއް ނުފެނެއެވެ. މީގެ އިތުރުން ދުނިޔޭގެ ވައިގެ ފަށަލަ ކިހާ ތުނިކަން އިހުސާސް ކުރެވުނެވެ. މިހާ ތުނި ވައިގެ ފަށަލައިގެ ސަބަބުން އަހަރެމެންނާއި މުޅި ބިން ވެސް ދިރުން ހުރި ތަނެއްގެ ގޮތުގައި ވުން ވެގެން ދިޔައީ ޖައްވުން ދުނިޔެއަށް ބަލައިލުމުން ފެންނަ "އޯވަވިއު އެފެކްޓް"ގެ ގޮތަކަށެވެ.
ހަނދުގެ ވަށައިގެން ފުރަތަމަ ފަހަރަށް ދައުރުކުރި ޖައްވީ އުޅަނދުގައި އަށް އެސްޓްރޮނޯޓުން ވަނީ 1968 ގައި މި އެފެކްޓް އޭގެ އެންމެ އަސަރުގަދަކޮށް ބަޔާންކޮށްދީފައެވެ. އެ އުޅަނދުގެ ކޮމާންޑަރު ފްރޭންކް ބޯމަން ވިދާޅުވީ މިއީ ހެއްދެވި ފަރާތަށް ދުނިޔެ ފެނިވޮޑިގެންވާ ގޮތްތޯ އޭނާގެ ހިތަށްއެރިކަމަށެވެ. ދުނިޔެއަށް ރޭގަނޑުވެފައިވާ މަންޒަރު ފެނުމަކީ އާދަޔާހިލާފު ތަޖުރިބާއެއް ކަމަށް އެ އުޅަނދުގެ އެސްޓްރޮނޯޓުން ބުންޏެވެ. އެހެނީ ޖައްވުން ވެސް ސަހަރުތަކުގެ އަލިކަން ފެންނާތީއެވެ. މި ކަމުން ދޭހަވީ އަހަރެމެންގެ މި ބިމުގައި ވިސްނުންތޫނު މަހުލޫގުންތަކެއް ދިރިއުޅޭ ކަމެވެ.
"މުޅި މަންޒަރު ހީވަނީ ދިރިދިރި އޮންނަ މަހުލޫގެއްގެ ހަށިގަނޑުހެން. އެއް ސަހަރާއި އަނެއް ސަހަރު ގުޅިގެންދާ މަގުތައް އޮންނަނީ އަލިކޮށް. ހީވަނީ ނާރެއްގެ ސެލްއެއް މައިކްރޮސްކޯޕެއްގެ ދަށުން ބޮޑުކޮށްލައިގެން ބަލައިލެވޭހެން. ކޮންމެ ސަހަރެއް ވެސް ހީވަނީ ބޮޑުވެގެންވާ ދިރޭއެއްޗެއްގެ ބޮޑު ނާރެއްގެ ސެލްއެއްހެން. މި ދިރޭ އެއްޗަށް އަހަރެމެން މި ކިޔަނީ 'އިންސާނުން’،" ޗައިނާގެ ޝެންގްހާއީ ސަރަހައްދު ޖައްވުން ރޭގަނޑު ފެންނަ ގޮތް ކިޔައިދެމުން އެސްޓްރޮނޯޓް ރޮން ގެރަން ބުންޏެވެ.

"އެންމެ ފުރަތަމަ ހަނދަށް ދިޔަ ފަހަރު އަހަރެމެންގެ ހުރިހާ ސަމާލުކަމެއް ހުރީ ހަނދަށް. ފަސްއެނބުރި ދުނިޔެއާ ދިމާއަށް ބަލާކަށް ނުވިސްނަން. ނަމަވެސް ހަނދުން ދުނިޔެ ފެންނަ ގޮތަށް ބަލައިލުމުން، ހަނދަށް ދިއުމުގެ އެންމެ މުހިންމު ސަބަބަކީ ދުރުން ދުނިޔެ ބަލައިލުން ކަމަށް ބެލެވުނީ،" އެޕޯލޯ އަށެއް އުޅަނދުގެ އެސްޓްރޮނޯޓުން ބުންޏެވެ.
"އޯވަވިއު އެފެކްޓް"އަކީ ހަޔާތާއި ދުނިޔެ އާއި އަދި އަހަރެމެންގެ މި ބިމުގެ މައްސަލަތަކާމެދު އާ ގޮތަކަށް ވިސްނައިލަން ލިބޭ ފުރުސަތެކެވެ. ޖައްވުން ދުނިޔެއާ ދިމާއަށް ބަލައިލުމުން އިންސާނީ ހައްގުތަކާއި މިނިވަންކަމަށް ނަސްލީ އަދި ދީނީ މައްސަލަތަކުގެ ހިޔަނި އެޅިފައިވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ފެނިގެންދެއެވެ. ބައެއް އެސްޓްރޮނޯޓުން ބުނީ ޖައްވުގައި ތިބެގެން ދުނިޔެއަށް ބަލައިލުމުން ކެނެޑާ ފަދަ ހައްގުތަކާއި މިނިވަންކަމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ތަންތަނަށް ބަލައިލެވޭ ކަމަށެވެ. އަދި އިރާނާއި އަފްޣާނިސްތާނު ފަދަ އެތައް އަހަރެއް ވަންދެން ހަނގުރާމަ އާއި ބޭއިންސާފުން ކަންތައްތަކެއް ހިނގަމުންދާ ގައުމުތަކުގެ މައްސަލަތައް ފަހުމް ވާން ވެސް ފަސޭހަކަމަށެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ ނާޒުކުކަމުގެ މައްޗަށް އާ ނަޒަރަކުން ބަލައިލެވި، އަހަރެމެންގެ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އިހުސާސް ކުރެވޭ ކަމަށެވެ.
"އަހަރެންނަށް ފެނުނީ ކުލަތަކުން އުޖާލާވެފައިވާ ދިރުންތައް ގިނަ ބަޔޯސްފިއާއެއް. އަހަރެންނަކަށް އިގުތިސާދުތަކެއް ވަކިވަކިން ނުފެނޭ. މި ދުނިޔޭގައި ދިރުންތައް ރައްކާތެރިކުރެވިގެންވާ ނިޒާމުތައް ވެސް މީހުން ދެކެނީ އެއީ ދުނިޔޭގެ އިގުތިސާދަށް ހުޅަހެޅިފައިވާ ނިޒާމުތަކެއް ކަމަށް. ނަމަވެސް ޖައްވުގައި ތިބެގެން ބަލައިލުމުން އެނގޭ އެއީ ދޮގު މައުލޫމާތެއްކަން،" ރޮން ބުންޏެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކަށް ޖައްވަކަށް ނުދެވޭނެއެވެ. ދުނިޔެ ބޭރުން ފެންނަނީ ކިހިނެތްކަމެއް ތަޖުރިބާއެއް ކުރެވޭނެ ފުރުސަތެއް ނުލިބޭނެއެވެ. ނަމަވެސް މީގެ މާނައަކީ އެސްޓްރޮނޯޓުންނަށް ދުނިޔެ ފެންނަ "އޯވަވިއު އެފެކްޓް"ގެ ޒަރީއާ ފަދައިން މި ދުނިޔޭގައި ތިބެގެން މި ބިން ބަލައިނުލެވޭނެއެކޭ ނޫނެވެ. އެ ގޮތުން ކުރެވިދާނެ އެއް ކަމަކީ މާސިންގާ ކަނޑަކާ ދިމާއަށް ބަލައިލަން ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެއީ ކޮންމެ ކަނޑެއް ވިޔަސްހެވެވެ. އެ ކަނޑުގެ ބޮޑުމިނުގެ މައްޗަށް ވިސްނުންހިންގައިލައިށެވެ. އަދި އެ ކަނޑުގެ އަނެއް ފަރާތުގައިވާ ތަނަކީ ކިހާ ތަފާތު ތަނެއްކަމާމެދު ވިސްނާލާށެވެ.
އަދި އެހެން ގޮތެއް ވެސް އެބައޮތެވެ. ފަރުބަދައެއްގެ އެންމެ މައްޗަށް އަރައިށެވެ. މިސާލަކަށް، އެމެރިކާގެ އެރިޒޮނަ ސްޓޭޓްގެ ގްރޭންޑް ކެނިއަން ފަރުބަދަތަކަށެވެ. އެ ވަގުތު އަހަރެމެންގެ ހަޔާތަށް ކުރިމަތިވެފައިވާ ޒާތީ މައްސަލަތަކާއި އެހެން އިންސާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ކުޑަ ކަމެއްކަން ވިސްނިގެންދާނެއެވެ. ގުދުރަތީ ތަންތަނުގައި ގިނައިން ވަގުތު ހޭދަކުރުމަކީ ވެސް މިފަދަ އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. ތަންތަނަށް ދަތުރުކޮށް، އާ މީސްމީހުންނާ ބައްދަލުވެ، އިންސާނުން ހަދާފައިވާ ތަންތަނާއި ގުދުރަތީ ގޮތުން އުފެދިފައިވާ ތަންތަން ފެނުމުން ވެސް މި ކަހަލަ "އޯވަވިއު އެފެކްޓް"އެއް އިހުސާސްކުރެވޭނެއެވެ. މި ފަދަ ތަޖުރިބާތަކުން އެނގިގެންދާނީ ދުނިޔޭގައި ދިރިއުޅޭ ހުރިހާ އިންސާނުންގެ ވެސް އެއްގޮތް ކަންތައްތަކެއް ހުންނަ ކަމެވެ. އެއީ އަހަރެމެންގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސްމެއެވެ. އަދި މީގެ އިތުރުން މި ފަދަ ތަޖުރިބާތަކުގެ ސަބަބަން އަހަރެމެންގެ މި ދުނިޔެ ރައްކާތެރިކުރުމުގެ މުހިންމުކަން އިހުސާސްކުރެވޭނެއެވެ.



advertisment