މިއީ މީގެ 81 އަހަރު ކުރިން ގާއިމުކުރި ހަގީގީ ރެކޯޑެކެވެ.
ވިހި ވަނަ ގަރުނުގައި ބޭނުންކުރި ފްލައިޓްތަކުގެ ދުވެލި މަޑެވެ. ދެވަނަ ބޮޑު ހަނގުރައިމައިގެ ތެރޭގައި އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތް އެކަހެރިވުމުން ކުއަންޓަސް އެއާލައިނުން ނިންމީ އޮސްޓްރޭލިއާއިން ސްރީ ލަންކާ ނުވަތަ ކުރީގެ ސިލޯނަށް ސީދާ ދަތުރު ކުރާށެވެ. އެހެން ގައުމެއްގައި ޓްރާންސިޓްނުކޮށް އަދި ސިއްރިޔާތުގައެވެ.
މިގޮތުން ކޮންމެ ހަފުތާއަކު އެއް ދަތުރު ބޭއްވިއެވެ. މުވާސަލާތީ ހިދުމަތެއް ބޭނުމެއް ނުކުރެއެވެ. މިސްރާބު ގާއިމުކުރީ ތަރިތަކަށް ބަލައިގެންނެވެ.

މި ފްލައިޓްތަކުގައި ދަތުރުކުރި ފަސިންޖަރުންނަށް އާދަޔާހިލާފު ސެޓްފިކެޓެއް ދިނެވެ. އެއީ އެއް ދަތުރެއްގައި އިރު އެރި މަންޒަރު ދެ ފަހަރު ފެނުނު ކަމުގެ ލިޔުމެކެވެ.
އޮގަސްޓް 30، 1943 ގައި، އޮސްޓްރޭލިއާއިން ލަންކާއަށް ކުރި ފުރަތަމަ ދަތުރުގައި ހޭދަވީ 32 ގަޑިއިރާއި ނުވަ މިނެޓެވެ. މިއީ މިހާރު އޮޕަރޭޓްކުރާ ކޮމާޝަލް ފްލައިޓްތަކަށް ހޭދަވާ ވަގުތަށްވުރެ 15 ގަޑިއިރު އިތުރު ވަގުތެކެވެ. ހަގީގަތުގައި ކުއަންޓަސްގެ ފްލައިޓްގައި ހުރި ރައްކާތެރިކަމުގެ ހުރިހާ އާލާތެއް ވެސް ވަނީ ނަގައިފައެވެ. އޭގެ ބަދަލުގައި 2،400 ގެލަން (9،084 ލީޓަރު)ގެ ތެޔޮ ރައްކާކުރެވޭނެހެން އިތުރު ތެޔޮ ޓޭންކްތައް ވަނީ ހަރުކޮށްފައެވެ.
ކޮންމެހެން ބޭނުން ނޫން ހުރިހާ ސާމާނެއްވަނީ މަތިންދާބޯޓުން ނަގައިފައެވެ. ފްލައިޓުގެ ބަރުދަން ލުއިކުރުމަށެވެ. މި ވަރުން ވެސް ފްލައިޓެއްގައި ގެންދެވުނީ އެންމެ ތިން ފަސިންޖަރުންނެވެ. އަދި ސިޓީއެވެ. ސިޓީ ވެސް ވަނީ އޭގެ ބަރުދަން ލުއިކުރުމަށްޓަކައި މައިކްރޮފިލްމަށް ނަގައިފައެވެ.

ދެ ފަހަރަށް އިރު އެރުން ފެނުނު މީގެ 271 ދަތުރު ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ކޮށްފައެވެ. އިނގިރޭސި ވިލާތާ ދެކޮޅަށް ހަނގުރާމަކުރި ޖަޕާނަށް ސިއްރުންނެވެ.
މިހާރު އެންމެ ދިގު ދުރު ރާސްތާގެ ވިޔަފާރީގެ ފްލައިޓަކީ ސިންގަޕޯ އެއާލައިންސްގެ އެސް.ކިއު.23 އާއި އެސް.ކިއު.24 ފްލައިޓެވެ. މިއީ ސިންގަޕޫރާއި އެމެރިކާއާ ދެމެދު ކުރާ ދަތުރެކެވެ. ރާސްތާގައި 15،349 ކިލޯމީޓަރު (9،537 މޭލު) ހުރެއެވެ. ނިސްބަތުން 18 ގަޑިއިރާއި 40 މިނެޓް ދަތުރުކުރަންޖެހެއެވެ.
މި ފްލައިޓް އޮޕަރޭޓްކުރަނީ އެއާބަސް އޭ.350-900.ޔޫ.އެލް.އާރް މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ. މިދީ ދުރު ރާސްތާގެ ދަތުރުތަކަށް ހާއްސަކޮށްގެން އުފައްދައިފައިވާ މަތިންދާބޯޓެކެވެ. މީގައި އިތުރު ތެޔޮ ޓޭންކްތަކުގެ އިތުރުން ފަސިންޖަރުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ އެތައް ހިދުމަތްތަކެއްވެއެވެ.
ކޮމާޝަލް ފްލައިޓެއް އެންމެ ދުރު ރާސްތާއަށް މީގެ ކުރިން ދަތުރުކުރީ އެއާ ޓަހިޓީ ނުއީގެ ފްލައިޓް ޓީ.އެން.64 އެވެ. އެއީ ޓަހިޓީން ފްރާންސްއަށެވެ. މި ފްލައިޓްގެ ރާސްތާއަކީ 15،715 ކިލޯމީޓަރު (9،765 މޭލު)އެވެ. ނެގި ވަގުތަކީ 16 ގަޑިއިރާއި 20 މިނެޓެވެ. މި ފްލައިޓް އޮޕަރޭޓްކުރީ 2020 ގައި ވަރަށް މަދު ދުވަސްކޮޅަކުއެވެ.
ޓްރާންސިޓްނުކޮށް އެންމެ ދުރު ރާސްތާއަށް ދަތުރުކުރެވެނީ ކޮން ފްލައިޓަކަށްކަން ބެލުމަށް ގަތަރު އެއާވޭސް އާއި އެއާ އިންޑިއާއާދެމެދު މިހާރު ވަނީ ވާދަވެރިކަމެއް އުފެދިފައެވެ. އެ ގޮތުން މިހާރު ގަތަރު އެއާވޭސްއިން ނިއު ޒީލެންޑާއި ގަތަރާ ދޭތެރޭ އޮޕަރޭޓް ކުރާ ފްލައިޓުގެ ދިގުމިނަކީ 17 ގަޑިއިރާއި 30 މިނެޓެވެ. އެއާ އިންޑިއާއިން އިންޑިއާ އާއި އެމެރިކާއާ ދެމެދު ކުރާ ދަތުރަށް ނަގަނީ 16 ގަޑިއިރާއި 20 މިނެޓެވެ.
ގަތަރު އެއާވޭސް އާއި އެއާ އިންޑިއާގެ މި ރެކޯޑު މުގުރައިލުމަށް ސިންގަޕޯ އެއާލައިންސުން ދަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން އަންނަ އަހަރުން ފެށިގެން ސިންގަޕޫރާއި އެމެރިކާއާ ދެމެދު 15،288 ކިލޯމީޓަރު (9،500 މޭލު)ގެ ދަތުރުތައް ސިންގަޕޯ އެއާލައިންސުން ފަށަން ވަނީ ހަމަޖައްސައިފައެވެ. މިއީ ހަގީގަތުގައި 2013 ގައި ތެލުގެ އަގު މައްޗަށް ދިއުމުން އެ އެއާލައިނުން މެދުކަނޑައިލި ފްލައިޓެކެވެ.
އަލުން މި ފްލައިޓް ފަށާއިރު ބޭނުންކުރަން ހަމަޖައްސައިފައިވަނީ އޭ.350 މަރުކާގެ މަތިންދާބޯޓެވެ. މިއީ އިތުރު ތެޔޮ ރައްކާކުރުމުގެ އިތުރުން ފްލައިޓްގެ ބަރުކަން ކުޑަކުރާނެ ގޮތްތައް ހަމަޖައްސައިފައިވާ މަތިންދާބޯޓެކެވެ.
"ކުއަންޓަސް އެއާލައިނުން ހެދި ގޮތަށް އެންމެ ތިން ފަސިންޖަރުންނަށް ޖާގަ ލިބޭނެހެން ހެދުމުގެ މާނައެއް ނެތް. މިހެންވެ އަހަރެމެން ކުރަން ހަމަޖައްސައިފައިވާ ކަމަކީ އިކޮނޮމީ ސީޓުތައް ކެންސަލްކޮށްލައިފައި 300 ސީޓުގެ މި ފްލައިޓްގައި 162 ސީޓަށް ޖާގަ މަދުކޮށްލުން،" ސިންގަޕޯ އެއާލައިންސްއިން ބުންޏެވެ.



advertisment