Support Us

ދުއްވުން މަނާކުރީ ޒުވާނުންގެ ހަރަކާތްތައް ހުއްޓުވަން: އެޗްޕީއޭ

ކޮވިޑް19 އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ޒުވާނުން

ކޮވިޑް19 އާ ގުޅިގެން މާލޭ ސިޓީގައި ރޭގަނޑު ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން ޖެހުނީ ޕޮޒިޓިވްވާ އާބާދީގެ ބޮޑު ބަޔެއް ހިއްސާ ކުރަނީ ޒުވާނުންނަށް ކަމަށް ވެފައި، ޒުވާނުން އިޖުތިމާއީ އެއްވުންތަކާއި ބޭރުތެރޭގައި ހަރާކާތްތެރިވުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ކޮވިޑް ފެތުރޭ މިންވަރު ފާއިތުވި ހަފުތާގައި އިތުރުވުމާ ގުޅިގެން ރޭގަނޑު 8 އިން ފަތިހު 5 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމާ ގުޅިގެން އާއްމު ރައްޔިތުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެޗްޕީއޭގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު އަދިވެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް19 ބަލި ރާއްޖެއިން ފެނުން ހިސާބުން ފެށިގެން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ޒުވާނުން ކަމަށެވެ. ރާއްޖެއިން މިހާތަނަށް 6660 މީހުންނަށް ކޮވިޑް ބަލި ވަނީ ޖެހިފަ އެވެ. މި ބަލި ޖެހުނު ޒުވާނުންގެ އާބާދީއަށް ބަލާއިރު 21 އަހަރާއި 30 އަހަރާ ދެމެދުގެ 2063 މީހަކަށް ބަލިޖެހިފައިވާއިރު އޭގެ ތެރެއިން 1615 މީހުންނަކީ ފިރިހެނުން އަދި 448 މީހުންނަކީ އަންހެނުންނެވެ. އަދި އުމުރުން 31 އަހަރާއި 40 އަހަރާއި ދެމެދުގެ 2051 މީހަކަށް މި ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 1610 މީހުންނަކީ ފިރިހެނުން އަދި 441 މީހުންނަކީ އަންހެނުންނެވެ.

"އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކަނީ 20 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންނަށް،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް ޖެހޭ އުމުރުފުރާއަށް ބަލާއިރު 20 އާއި 40 ދެމެދުމުގެ ޒުވާނުންނަށް މި ބަލިޖެހޭ މިންވަރު އެހެން ހުރިހާ އުމުރުފުރާތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ. އަދި ޒުވާނުންގެ ތެރެއިން ވެސް އެންމެ ބޮޑަށް މި ބައްޔަށް ޕޮޒިޓިވްވާ ކަމަށް ދައްކަނީ ފިރިހެނުންނަށެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ ހަފްތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދާއި ހޮޕިޓަލްގައި މިބައްޔަށް ފަރުވާދޭން އެޑްމިޓް ކުރެވުނު މީހުންގެ އަދަދު ކަންބޮޑުވާންޖެހޭ ވަރަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ރޭގަނޑު 8 އިން 5 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

"މި ފިޔަވަޅުތަކަކީ ވެސް ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިޔާއަތްކޮށް މުރާޖާކުރެވިގެންދާނެ ފިޔަވަޅުތަކެއް. ބަލިޖެހޭ މީހުންނާއި ހަސްފަތާލުގައި ބާއްވައިގެން ފަރުވާދޭން ޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކަށް ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ،" އެޗްޕީއޭއިން ބުންޏެވެ.

މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އާ ދެމެދު ދުއްވުން އެޗްޕީއޭއިން މަނާކުރި ނަމަވެސް ކުރިން ވެސް އޮތް ގޮތަށް ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކަށް ރޭނގަނޑު 9:30 ވަންދެން ހިދުމަތް ދެވޭނެ އެވެ. އަދި އާއްމުންނަށް ރޭގަނޑު 10 ޖަހަންދެން ބޭރުތެރޭގައި ހިނގާފައި އުޅުމަކަށް ވެސް ހުރަހެއް ނެތެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މިއޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *