ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ ޝަރަފާއި މެޑަލް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ޙާޞިލްކުރި ސްޓެލްކޯގެ 16 މުވައްޒަފުންނަށް ރަތް ދޫލައިގެ މަރުހަބާއެއް މިއަދު ކިޔައިފިއެވެ.
ސްޓެލްކޯގައި މިއަދު ހެނދުނު ބޭއްވި މަރުހަބާ ދެންނެވުމުގެ ހާއްސަ ރަސްމީޔާތުގައި، އެއިން ކޮންމެ މުވައްޒަފަކު އޮފީސް ދޮރުމައްޗަށް އައުމާއެކު މާބޮނޑިއެއް ހަދިޔާކުރިއެވެ. އަދި ބޮޑުބެރުޖެހުމުގެ ތެރެއިން ކޮންމެ މުވައްޒަކު ވެސް އޮފީހަށް ވަނީ ރަތް ދޫލަމަތީގައެވެ. އޭރު ދެ ފަރާތުގައި އޮފީހުގެ މުވައްޒަފުން ތަރުހީބު ދެމުންދިޔައެވެ.

ދައުލަތުގެ އިނާމު ލިބުނު ސްޓެލްކޯ ހުރިހައި މުވައްޒަފުންގެ ޝަރަފުގައި ޚާއްސަ ކޭކެއް ފެޅުން ވެސް މިއަދު އޮތެވެ.
މިއަދުގެ ރަސްމީޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވާހަކަ ދައްކަވަމުން، ހުރިހައި މުވައްޒަފުންނަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދަޢުލަތް ހީނަރުވެ، ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެ ކަމަށެވެ. ފަހުމީ ވިދާޅުވީ ކަރަންޓާ ނުލައި ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެ ކަމަށެވެ.
ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ފަހުމީ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ޚިދުމަތް ކުރާނީ ދިވެހި ދަޢުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ޚިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟ ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ޚިދުމަތުގައި، ރައްޔިތުންނަށް މި ދޭ ޚިދުމަތުގައި އަޅުގަނޑުމެން ހީނަރުވެއްޖެއްޔާ ދިވެހި ދަޢުލަތް ހީނަރުވެ، އަދި ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް،" ފަހުމީ ވިދާޅުވިއެވެ.
ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ މުވައްޒަފުންނަށް މަރުޙާބާ ކިއުމަށް ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުން އިސްނަގައިގެން މިއަދު ވަނީ ޚާއްސަ އިވެންޓެއް… pic.twitter.com/bTyN3ZNMFL
— STELCO (@STELCOMALDIVES) July 28, 2024



advertisment

