ދައުލަތުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މުޙައްމަދު ރާޝިދަކީ ވެސް ވަރަށް ފާހަގަކުރެވޭ ހިދުމަތްތެރިއެކެވެ. ރާޝިދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެސިސްޓެންޓް މެކޭނިކެއްގެ ވަޒީފާގައި މޭ 1988 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މެކޭނިކް ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެކޭނިކް ކަމާއި، ސީނިއަރ މެކޭނިކް ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އެގްޒެކެޓިވް މަގާމުވެސް އަދާކުރެއްވިއެވެ. ރާޝިދު މިހާރު ހުންނެވީ، އެ ކުންފުނީގެ އެސޯސިއޭޓް އިންޖިނިއަރގެ މަގާމުގައެވެ.

ރާޝިދު ފާހަގަކުރެވެނީ، ފަޔަރ ވެހިކަލްތަކާއި، ރިފިއުލަރތަކާއި، މެރިން ވެސެލްތަކުގެ މެއިންޓެނަންސް މަސައްކަތްތަކުގައި ހީވާގިކަމާ އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ. މީގެ އިތުރުން، މެކޭނިކަލް ސަރވިސަސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސްގެ ސްޓޮކް ގަވާއިދުން ބަލަހައްޓަވައި، ބޭނުންވާ ތަކެތި ހޯއްދަވައިދެއްވުމުގައި ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ކުރިއެރުމަށް ރާޝިދު ކޮށްދެއްވައިފައިވާ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި، ކުންފުނީގެ އީ.އާރު.ޕީ. ސޮފްޓްވެއަރގެ އިންވެންޓްރީ މޮޑިއުލް އިމްޕްލިމެންޓޭޝަން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވުމާއި، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު، ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައާ ގުޅިގެން އެ ދުވަހު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ދިފާޢުކުރުމުގައި، އޭރު އެއަރޕޯޓުގައި ތިއްބެވި ދިވެހި ސިފައިންނާ ގުޅިގެން ޢަމަލީގޮތުން މަސައްކަތް ކުރެއްވުން ހިމެނެއެވެ.

ރާޝިދަކީ ކުންފުނިން ހިންގާ ހުރިހާ މަސައްކަތެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެއްބާރުލުން ދެއްވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ޤައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން އެއަރޕޯޓުން ތައްޔާރުކުރާ ފްލޯޓް ހެދުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވުމުގައި، ކަމަށް ކަމޭހިއްތަވައިގެން ޝައުޤުވެރިކަމާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ރާޝިދަކީ އެއަރޕޯޓުގެ ފަރާތުން ބައިވެރިވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.