Support Us

މާބޮޑަށް ގުޅިގަންނަން އުޅޭ ފަސިންޖަރުންނާމެދު ހުށިޔާރުވުން

އަހަރެންގެ ނަމަކީ ރިއާނަތު އަދީނާއެވެ. ތިބާއަކީ ވައިގެމަގުން ވަރަށް ގިނައިން ދަތުރުކުރާ މީހެއް ނަމަ، އަނގަގަދަ އަދި މާބޮޑަށް ރަހްމަތްތެރިކަން ބާއްވަން އުޅޭ މީހުންނާމެދު ސަމާލުވާށެވެ.

އެއް ފަހަރަކު މުސްކުޅި އަންހެނަކު އައިސް އަހަރެން އިން ސީޓާ ޖެހިގެން ހުރި ސީޓުގައި އިށީނެވެ. މަތިންދާބޯޓުގެ މަތީ ކޮމްޕާޓްމަންޓަށް އޭނާގެ ހޭންޑް ލަގެޖް ލައިދިނުމަށް އަހަރެންގެ އެހީއަކަށް އެދުނެވެ. ނަމަވެސް އެ ކަންތައް އަހަރެންނަށް ނުކޮށްދެވި އުޅެނިކޮށް އެހެން މީހަކު އަހަރެމެންގެ ގާތަށް އައެވެ. (އަހަރެންނަކީ އެހާ އިސްކޮޅުން ދިގު މީހެއް ނޫނެވެ. އޯވަހެޑް ލަގެޖް ކޮމްޕާޓްމަންޓަށް ދާގީނާ ވީހާ ވެސް ނުލެވޭތޯ އަހަރެން މަސައްކަތްކުރަމެވެ. އެހެންކަމުން މުސްކުޅި އަންހެން މީހާގެ ހޭންޑް ލަގެޖް އޯވަހެޑް ކޮމްޕާޓްމަންޓަށް ލައިދިނީ އަހަރެމެންގެ ގާތަށް އައި ފިރިހެން ފަސިންޖަރެވެ).

އަހަރެންގެ ގާތުގައި މުސްކުޅި އަންހެން މީހާ އިށީނުމާއެކުހެން އޭނާ އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. ބަލާބެލުމަށް އޭނާއަކީ ރަނގަޅު މީހެއްހެން ހީވިއެވެ. އަދި ވާހަކަ ދެއްކުމުގައި ވެސް ރަނގަޅު ގޮތެއް ހުރިހެން ހީވިއެވެ. މިހެންވެ ދުބާއީއަށް ދެވެންދެން އަހަރެމެން ދެ މީހުން ހުއްޓައިނުލައި ވާހަކަދައްކަމުން ދިޔައިމެވެ.

ދުބާއީ އެއާޕޯޓަށް ޖައްސަން ފްލައިޓް ތިރިކުރަން ފެށިކަން ޕައިލެޓް އެނައުންސްކުރުމާއެކުހެން ކުއްލިއަކަށް އަންހެންމީހާ އޭނާގެ ބަނޑުގައި ރިއްސަން ފެށިކަމަށް އަހަރެންގެ ގާތުގައި ބުންޏެވެ. ކެބިން ކްރޫއެއް އަހަރެމެންގެ ގާތަށް އަހަރެން ގެނައިމެވެ. މުސްކުޅި އަންހެންމީހާގެ ހާލަތް ރަނގަޅު ނޫން ކަމަށް އަހަރެން ބުނީމެވެ. ހަމަ އެ ވަގުތު މުސްކުޅި އަންހެންމީހާ އަހަރެންނާ މުހާތަބުކުރީ އަހަރެން މިއީ އޭނާގެ "އަންހެން ދަރިފުޅު"ގެ ގޮތުގައެވެ.

ކެބިން ކްރޫ ބުނީ ފްލައިޓް ޖެއްސުމުގެ ކުރިން އެއްވެސް ކަމެއް ނުކޮށްދެވޭނެ ކަމަށާއި ހަމައެކަނި ކޮށްދެވޭނެހާ ވެސް ކަމަކީ ތަދުކަނޑުވާ ބޭހެއް ކަހަލަ ޕެއިންކިލާއެއް ދިނުން ކަމަށެވެ.

ސިއްހީ ކުއްލި ހާލަތުގެ މައްސަލައެއް ފްލައިޓްގައި އުޅޭ ކަމަށާއި ހަމަޖެހިލައިގެން މަޑުމަޑުން އެންމެން ތިބުމަށް ޕައިލެޓް އެނައުންސްމަންޓެއް ދިނެވެ. އަހަރެންގެ އާ ރަހްމަތްތެރިޔާ އިނީ ރޯށެވެ. އޭނާވަނީ ވަރަށް ގަދައަށް ދާހިއްލައިފައެވެ. އަދި އޭނާ އަހަރެންގެ އަތުގައި ހިފައި، އަހަރެންގެ އަތް ދޫކޮށްލަން ދެކޮޅު ހެދިއެވެ. ހުރިހާ ފަސިންޖަރުންނަށް ހީކުރެވުނީ އަހަރެމެން ދެ މީހުންނަކީ އެކަކު އަނެކަކު ދަންނަ ދެ މީހުން ކަމަށެވެ.

ދުބާއީ އެއާޕޯޓަށް އަހަރެމެންގެ ފްލައިޓް ޖެއްސުމާއެކު ހަމަ އެއްކަލަ ފިރިހެންމީހާ އައިސް އޯވަހެޑް ކޮމްޕާޓްމަންޓުން މުސްކުޅި އަންހެންމީހާގެ ލަގެޖް ނަގައިދިނެވެ. ނަމަވެސް ނަގައިދެމުން އޭނާ އަހަރެންނަށް ނަސޭހަތްތެރިވީ މި މުސްކުޅި އަންހެންމީހާއާ ދުރުކަމެއް އަހަރެން ބޭއްވުމަށެވެ. އަދި އަހަރެން ދަތުރުކުރަމުން ދިޔައީ މި މުސްކުޅި އަންހެންމީހާއާއެކު ނޫންކަން ކެބިން ކްރޫންނަށް ސާފުކޮށްދިނުމަށެވެ. މި ފިރިހެންމީހާއަކީ މާތްކަލާނގެ އަހަރެންނަށް ފޮނުއްވި ނަސީބެކެވެ!

އޭނާ ބުނި ފަދައިން ކެބިން ކްރޫއިން އައިސް މުސްކުޅި އަންހެންމީހާއާ އަހަރެން ތިމާގެތޯ އެހިއެވެ. މުސްކުޅި އަންހެންމީހާއާ އަހަރެން ބައްދަލުވީ ފްލައިޓުންކަމަށް އަހަރެން ޖަވާބު ދިނީމެވެ. އޭނާ އެއްގޮތަކަށް ވެސް ނުދަންނަކަމަށް އަހަރެން ބުނީމެވެ. އަހަރެންނާއި މުސްކުޅި އަންހެންމީހާ ދެން މަތިންދާބޯޓުން ފޭބުމަށް ތައްޔާރުވީމެވެ. އޭނާގެ ދަބަސް ހިފައިދިނުމަށް އަހަރެންގެ ގާތުގައި އޭނާ އާދޭސްކުރަމުން ދިޔައެވެ. އަހަރެންނަށް ހަދާނެ ގޮތެއް ނޭނގުނެވެ. ނަމަވެސް އެއްކަލަ ފިރިހެންމީހާ އަހަރެންނާ ދިމާއަށް ބަލައިލަމުން އެ ކަން ނުކުރުމަށް ނަސޭހަތް ދިނުމުގެ ގޮތުން އޭނާ ބޯހޫރުވައިލިއެވެ. އޭނާ އަހަރެންގެ އަތަށް ނޯޓެއް ދިނެވެ. އޭގައި ލިޔެފައިވަނީ މުސްކުޅި އަންހެންމީހާގެ ކަންތައްތައް ކެބިން ކްރޫއިންނަށް ދޫކޮށްލުމަށެވެ.

އެހެންކަމުން އަހަރެން ފްލައިޓުން ނިކުތީމެވެ. އަހަރެންގެ "އާ ރަހްމަތްތެރިޔާ" ފުރޮޅު ލީ ގޮނޑިއަށް މަޑުކުރަން ދޫކޮށްލީމެވެ. ކެބިން ކްރޫއިން އޭނާއާ ހަވާލުވުމަށެވެ. ނަމަވެސް އަހަރެންނަށް އަހަރެންގެ ނަފުސު ކޮންމެވެސް ވަރަކަށް ކުށްވެރިކުރެވުނެވެ.

ލަގެޖް ބަލާ ގޮސް ބެގެޖް އަންނަ ބެލްޓް ކައިރީގައި އަހަރެން ހުރި ވަގުތު ކަންތައްގަނޑެއްގެ އަޑު އަހަރެންނަށް އިވުނެވެ. އަހަރެން ބަލައިލިއިރު ފެނުނީ އަހަރެންގެ "އާ ރަހްމަތްތެރިޔާ" ދުވަމުން ދިޔަ މަންޒަރެވެ. ކެބިން ކްރޫއިންގެ ކިބައިން ސަލާމަތްވުމަށެވެ. ފުރޮޅު ލީ ގޮނޑި ވެސް ދޫކޮށްލައިފައެވެ! އޭނާވަނީ އޭނާގެ އަތްދަބަސް ކެބިން ކްރޫއެއްގެ އަތަށް ދޫކޮށްލައިފައި ހަމައެކަނި ހޭންޑް ލަގެޖް ހިފައިގެން "އެގްޒިޓް" ނުވަތަ "ނުކުންނަ" ޖަހައިފައިވާ ދޮރަކާ ދިމާއަށް ދުއްވައިގެންފައެވެ. ނަސީބަކުން އެއާޕޯޓުގެ ފުލުހުން އޭނާއަށްވުރެ އަވަހެވެ. އޭނާ އަތުލައިގަތުމަށް ފަހު ބިޑި އަޅުވައިގެން އެއާޕޯޓުގެ ތެރެއަށް އޭނާ ގެނައެވެ.

އެ ވަގުތު އެ އަންހެންމީހާ އަހަރެންނަށް ގޮވަން ފެށިއެވެ: "މަގޭ ދަރިފުޅާއެވެ. މަގޭ ދަރިފުޅާއެވެ. އަހަރެންނަށް މި ފަދަ ހާލަތެއް ޖެއްސީ ކީއްވެ ހެއްޔެވެ؟" ކަންތައްތައް ހަގީގަތުގައި ވީ ކިހިނެތްކަން އަހަރެންނަށް ރޭކާލީ ދެނެވެ. އޭނާގެ ހޭންޑް ލަގެޖްގައިވަނީ މަސްތުވާތަކެއްޗެވެ. އަދި އޭނާ އުޅުނީ އެކަން އަހަރެންގެ ބޮލުގައި އަޅުވައިށެވެ!

އަހަރެންގެ ނަސީބު ދިމާކުރި ގޮތުން އެއްކަލަ ފިރިހެންމީހާ އައިސް އެއާޕޯޓު ފުލުހުންގެ ގާތުގައި ބުނީ މުސްކުޅި އަންހެންމީހާއާ އަހަރެން ދިމާވީ ފްލައިޓްގެ ތެރެއިން ކަމަށެވެ. ފުލުހުން އަހަރެންގެ ޕާސްޕޯޓަށް ބަލައިލައިފައި އަހަރެންގެ ފުރިހަމަ ނަން ބުނެދިނުމަށް މުސްކުޅި އަންހެންމީހާގެ ގާތުގައި އެދުނެވެ. އެއީ އަހަރެންނާއި އޭނާ ދަތުރުކުރީ އެއްކޮށްތޯ ބެލުމަށެވެ. މާތްކަލާނގެ ރަހްމަތުން އަހަރެންނަށް ނަސީބަކުން އަހަރެންގެ ފުރަތަމަ ނަން ވެސް މުސްކުޅި އަންހެންމީހާގެ ގާތުގައި އޮތީ ނުބުނެވިއެވެ! ނަމަވެސް ކުޑަ ކޮޓަރިއަކަށް ފުލުހުން އަހަރެން ގެންދިޔައެވެ. އަދި ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އަހަރެންނާ މުސްކުޅި އަންހެންމީހާއާ ދިމާވީ ކޮން ތަނަކުންތޯއެވެ. އަހަރެން ފްލައިޓަށް އެރީ ކޮން ތަނަކުންތޯއެވެ. މުސްކުޅި އަންހެންމީހާ ފްލައިޓަށް އެރީ ކޮން ތަނަކުންތޯއެވެ. މި ކަހަލަ މި ކަހަލަ ސުވާލުތަކެކެވެ. އަދި އަހަރެންގެ ލަގެޖް ވަރަށް ރަނގަޅަށް ޗެކުކުރިއެވެ. އޭގެން އިނގިލީގެ ނިޝާން ވެސް ނެގިއެވެ.

މުސްކުޅި އަންހެންމީހާގެ ހުރިހާ ލަގެޖަކުން ވެސް ފިންގަޕްރިންޓް ނެގިއެވެ. އޭނާގެ ލަގެޖުން ވެސް އަދި އަތްދަބަހުން ވެސް އަހަރެންގެ އިނގިލީގެ ނިޝާނެއް ނުފެނުނެވެ!

ފުލުހުން އަހަރެން ދޫކޮށްލިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެންނަށް ނަސޭހަތެއް ދިނެވެ. ފްލައިޓެއްގައި ނުވަތަ އެއާޕޯޓެއްގައި ވެސް އެހެން ފަސިންޖަރެއްގެ ލަގެޖެއްގައި އަތްނުލުމަށެވެ. އެ ދުވަހަށް ފަހު އަހަރެން އެހެން މީހެއްގެ ލަގެޖުގައި އަތެއްނުލަމެވެ. އެ މީހަކު ކިތައްމެ ލަގެޖެއް ހިފައިގެން ކިތައްމަ ބަރުކޮށް ދަތުރުކުރި ނަމަވެސްމެއެވެ. އެ މީހެއްގެ ކަންތައްތައް ކުރަން ޖެހޭނީ އެ މީހަކު އަމިއްލައަށެވެ. އެހެން މީހެއްގެ ލަގެޖު އުފުލަން އެ މީހަކަށް ޓްރޯލީއެއް ވެސް އަހަރެން ނުދެމެވެ. އެހެން މީހުންގެ ލަގެޖަކީ އެ މީހުން ޒިންމާވާންޖެހޭ މައްސަލައެކެވެ. އަހަރެންގެ މިހާރު ސިޔާސަތަކީ މިއެވެ. ފްލައިޓްގެ އޯވަހެޑް ކޮމްޕާޓްމަންޓަށް އަތް ނުފޯރާ ނަމަ އެ ފަސިންޖަރަކަށް ޖެހޭނީ އެ ތަނަން އޭނާގެ ލަގެޖް ލައިދިނުމަށް ކެބިން ކްރޫއެއްގެ އެހީ ހޯދައިށެވެ. އެއީ އެ މީހެއްގެ އެންމެ ގާތުގައި އިނީ އަހަރެން ކަމަށް ވިޔަސްމެއެވެ.

މިއީ އަހަރެންނަށް ކުރެވުނު ތަޖުރިބާއިން ވައިގެމަގުން ދަތުރުކުރާ ފަސިންޖަރުންނަށް އަހަރެން ދޭނެ ނަސޭހަތެވެ.

 

ނޯޓް: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް