ޕޯޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ މެނޭޖްމަންޓުން މާލޭ ޕޯޓުގެ ކާގޯ އޮޕަރޭޝަންސްގައި މިއަދު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފިއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމާއި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސް ވެރިން ވަނީ މިއަދު މާލޭ ވިޔަފާރި ބަނދަރަށް ވަޑައިގަތް، ޕޯޓުގެ ކާގޯ އޮޕަރޭޝަންސްތަކުގެ އެކި މަސައްކަތުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ވަޖީހް ވިދާޅުވީ ކުންފުނީގެ އިސްވެރިންނާއެކު ފެއްޓެވި މި ޕްރޮގްރާމުން "ކުންފުނީގެ ހުރިހާ ވެރިންނަށް ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތަކަށް ހައްލުކުރާނެ ގޮތްތައް ހޯދުމަށް ފަސޭހަވެގެންދާނެ" ކަމަށެވެ.

"މީގެ އަނެއް ބޭނުމަކީ ބައެއް ފަހަރު މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާ ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން ދިމަދިމާތަކުން (އެހެން ޑިޕާޓްމަންޓްތަކުން) މުވައްޒަފުން ގެނެސްގެންވެސް މަސައްކަތަށް (ބޭނުންވާ އަދަދަށް މުވައްޒަފުން) ފިލްކޮށްލުން. އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާ އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް،" ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ހޯދަންޖެހޭ ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ކާގޯ އޮޕަރޭޝަންސްގެ އަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




advertisment

