މީސްމީހުންގެ ޖިސްމާނީ ރީތިކަމަކީ ސައިންސްވެރިންގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.
އެކި މުޖުތަމައުތަކުގައި ރީތިކަމާމެދު އެކި ގޮތަށް ދެކެވުނަސް ޕްލާސްޓިކް ސާޖަރީ ހަދާ އިނގިރޭސި ވިލާތުގެ މަޝްހޫރު ޑޮކްޓަރު ޑރ. ޖޫލިއަން ޑި ސިލްވާ މިހާރުވަނީ ރީތިވުމުގެ ސިފަތަކަކީ ކޮބައިތޯ ސައިންސްގެ އަލީގައި ތަހުގީގުކޮށްފައެވެ.
"ގޯލްޑަން ރޭޝިއޯ" ނުވަތަ މޫނުގެ ބައްޓަންތަކަށް ބަލައިގެން ހިސާބުޖަހައި، އާއްމު ގޮތެއްގައި ފިރިހެނުން ރީތިވަނީ ކޮން ކަހަލަ ސިފައަކަށް މޫނު ހުރީމާތޯ އޭނާވަނީ ދިރާސާކޮށްފައެވެ.
އެއީ ގިނަ މީހުން ދަންނަ މަޝްހޫރު ސެލެބްރިޓީތަކުގެއެވެ. އެކަކުން 10 އަށް އޭނާ އެކުލަވައިލި މި ލިސްޓަށް ބަލައިލަމާ ހިނގާށެވެ.

10 ވަނަ: އިދްރީސް އަލްބާ
އޭނާގެ ހުންނަނީ ހަތަރެސްކަން ކޯކަށިގަނޑެކެވެ. އަދި "ޝިކާރަވެރި ލޮލެއް" ހުންނާތީ އޭނާއަށްވަނީ 2013 ގައި "އެސެންސް" މަޖައްލާއިން "އަހަރުގެ އެންމެ ސެކްސީ ފިރިހެނާ"ގެ މަގާމު ދީފައެވެ. މީގެ އިތުރުން "ޕީޕަލް" މަޖައްލާއިން 2018 ގައި ވަނީ އޭނާއަކީ "ދުނިޔޭގައި ހުރި އެންމެ ސެކްސީ ފިރިހެނާ"ކަމަށް ކަނޑައަޅައިފައެވެ. ގޯލްޑަން ރޭޝިއޯއަށް ބަލާއިރު އޭނާގެ ދަތްދޮޅިއަކީ އޭނާގެ އެންމެ ހާއްސަ ސިފަކަމަށްވެއެވެ. ނަމަވެސް މި ދިރާސާގައި އެންމެ މަދު މާކްސް ލިބުނު ނޭފަތަކީ އޭނާގެ ނޭފަތެވެ.

9 ވަނަ: ޑޭވިޑް ބެކަމް
އޭނާއަކީ ރީތިކަމަށް މަޝްހޫރު މީހެކެވެ. އޭނާގެ މޫނު "ސިމެޓްރީ" ނުވަތަ ވަނާ ފުރިހަމައެވެ. ކޯކަށިގަނޑު ވަރުގަދަވެފައި ހުންނަނީ މަތީގައެވެ. ގޯލްޑަން ރޭޝިއޯއިން ބަލާއިރު އޭނާގެ ނޭފަތުގެ ބައްޓަމާއި ތުންފަތުގެ ފުޅާކަން ބެލެވެނީ އޭނާގެ އެންމެ ރީތި ސިފަތައް ކަމަށެވެ.

8 ވަނަ: ހިއު ޖެކްމަން
އުމުރުން ދުވަސްވާ ވަރަކަށް އޭނާގެ ރީތިކަން އަންނަނީ އިތުރުވަމުން ކަމަށްވެއެވެ. އެންމެ މަތީ މާކްސް ލިބުނީ އޭނާގެ ނޭފަތުގެ ބައްޓަމަށެވެ. ނަމަވެސް އޭނާގެ ތުންފަތާއި ދެ ލޮލުގެ ދެމެދުގައިވާ ދުރުމިނަށް ލިބުނު މާކްސް ދަށެވެ.

7 ވަނަ: ޖޯޖް ކްލޫނީ
އޭނާގެ މޫނުމަތީގެ ކަށިތައް ވަރުގަދަކަމީ އެއްވެސް މީހަކު ދެބަސްވާ ކަމެއް ނޫނެވެ. އަދި އޮފުކޮށްލައިފައިވާ ކަހަލަ ސިފައެއް ހުންނާތީ މޫނުމަތީގައި ޖާދުލެއް ހުންނަ ކަމަށްވެއެވެ. އެހެން ފިރިހެނުންނާ ތަފާތުކޮށެވެ. ނަމަވެސް ހިސާބުޖަހައިލުމުން އޭނާގެ ނިތްކުރިއަށް ލިބޭ މާކްސް ތަންކޮޅެއް ދަށެވެ.

6 ވަނަ: ބްރެޑް ޕިޓް
އޭނާ ރީތިވަނީ އެތައް ސިފައެއް އެކުވެގެން ގޮހެވެ. ފިރިހެންވަންތަކަމެވެ. ހަރުކަށި ސިފައާއެކު ޅަނދޮޅު ގޮތެއް ވެސް ހުންނާތީއެވެ. އަދިވެސް ޒުވާން ފިރިހެނެއްގެ ސިފަ ފާޅުވާތީއެވެ. އޭނާ ހީނލުމުން ދެ ލޯ ކައިރިއަށް އަރާ ރޫތައް ވެސް ހިތްގައިމުވީމައެވެ. ނަތީޖާއަކީ އެމެރިކާގެ ފިލްމީ ދުނިޔެ ކަމަށްވާ ހޮލީވުޑްގެ އެންމެ ސެކްސީ ފިރިހެނުންގެ ލިސްޓްތަކުގައި ހިމެނުމެވެ. ގޯލްޑަން ރޭޝިއޯ ހިސާބުޖަހާއިރު އެންމެ މަތީ މާކްސް ލިބުނީ އޭނާގެ ދެ ލޮލުގެ ދެމެދުގައިވާ ޖާގައަށެވެ. ނަމަވެސް ނޭފަތުގެ ބައްޓަމަށް ލިބުނު މާކްސް ދަށެވެ.

5 ވަނަ: ބްރެޑްލީ ކޫޕަރ
ޑރ. ޑި ސިލްވާގެ ލިސްޓުގެ ތިން ވަނައަށް ބްރެޑްލީ ކޫޕަރ ނޭރީ ހަމަ ކިރިޔާއެވެ. ގޯލްޑަން ރޭޝިއޯ ހިސާބުޖެހުމުން އޭނާގެ މޫނުގައި ދެ ލޯ ހުންނަ ގޮތާއި ތުންފަތާއި ދަތްދޮޅިއަށް ވަރަށް މަތިން މާކްސް ލިބުނެވެ. ނަމަވެސް ހަމައެއާއެކު ފާހަގަ ކުރެވޭ ވަރަށް އޭނާގެ ނޭފަތާއި މޫނުގެ ބައްޓަމަށް ލިބުނު މާކްސް ދަށެވެ.

4 ވަނަ: ހެންރީ ކެވިލް
އޭނާ ފެނުމުން ހިތަށް ހުއްޓުން އަރާފަދަ ރީތިކަމަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ. ގޯލްޑަން ރޭޝިއޯ ހިސާބުޖެހުމުން ވެސް މި ކަން ފާހަގަވިއެވެ. އޭނާއަށް އެންމެ ގިނަ މާކްސް ލިބުނީ ތުންފަތަށާއި ނިތްކުރިއަށާއި ލޯ ހުރި ހިސާބަށެވެ. ނަމަވެސް އަހަރެމެން އެންމެންގެ ވެސް ކޮންމެވެސް އައިބެއް އުޅޭނެއެވެ. މާކްސް ލިބުނެއް ކަމަކު އޭނާގެ ދެ ލޮލުގެ ދެމެދުގައިވާ ޖާގައަށް ލިބުނު މާކްސް ދަށެވެ. އެކަމަކު ޖާދުލެއް ކަހަލަ ހިނިތުންވުމާއި ހިތްކަތިލާ ކަހަލަ ތުންފަތެއް ހުރީމާ ދެ ލޮލުގެ ޖާގައާމެދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ.

3 ވަނަ: ރޮބަޓް ޕެޓިންސަން
ލިސްޓްގެ ގަދަ ފަހަކުން ޖާގަ ލިބޭ ވަރަށް ހުރިހާ ބަޔަކުން އޭނާއަށް އެއްވަނައިގެ މާކްސް ލިބުނެވެ. އޭގެ ތެރޭގައި ބިއްލޫރި ކަފައިލައިފާނެ ކަހަލަ ތޫނު ކޯކަށިގަނޑެއް ހުރުމުންނެވެ. އޭނާގެ ތުންފަތް ކިތައްމެ ހިމަ ނަމަވެސް ފިކުރު ކުރަންވީ ކޮން ކަމަކާ ހެއްޔެވެ؟ އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ ނުވަތަ "ޕާފެކްޓް" މީހެއް ނޫނެވެ.

2 ވަނަ: ހެރީ ސްޓައިލްސް
ދެވަނައަށް މިއައީ އުމުރުން 29 އަހަރުގެ ޕޮޕް ލަވަކިޔުންތެރިޔާއެވެ. އޭނާގެ ކިބައިން ސަލާމަތްވެވެން ނެތީ އޭނާގެ ލޮލާއި ދަތްދޮޅީގެ ސަބަބުންނެވެ. ޑރ. ޑި ސިލްވާގެ ލިސްޓްގައި އެ ދެ ގުނަވަނަށް 100 ޕަސެންޓް މާކްސް ލިބުނެވެ.

1 ވަނަ: ރެގެ-ޖީން ޕޭޖް
ދެން އަތްތިލަބަޑި ތަޅައިލާށެވެ. މިއޮތީ ސައިންސްގެ އަލީގައި ރީތިކަމުގެ އެއްވަނައަށް އައި ފިރިހެނާއެވެ. "ރެގޭ އެއްވަނައަށް އައީ ރީތި މޫނަކާއި ހިތްގައިމު މުށި ކުލައިގެ ލޮލުގެ ސަބަބުން. ދެ ލޮލުގެ ދެމެދުގައިވާ ދުރުމިނަށް އެންމެ ގިނަ މާކްސް ލިބުނީ ރެގޭއަށް. އަދި މޫނުގައި ދެ ލޯ ހުރި ގޮތަށް ބަލާއިރު ވެސް އެ ކަމުން އޭނާއަށް ގިނަ މާކްސް ލިބުނު،" ޑރ. ޑި ސިލްވާ ބުންޏެވެ. ރެގޭއަށް ތަންކޮޅެއް ދަށްކޮށް މާކްސް ލިބުނީ ނޭފަތުގެ ފުޅާކަމާއި ނޭފަތުގެ ދިގުމިނަށެވެ.



advertisment