ކޮވިޑް19 ޖެހޭ އަދަދު އިއްޔެއަށްވުރެ 100 އެއްހާ މީހުން ދަށްވެ، މިއަދު 96 މީހުން ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑަށް އިއްޔެ ޕޮޒިޓިވްވީ 194 މީހުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 96 މީހުންގެ ތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 26 ބަންގްލަދޭޝް މީހުންނާއި ސްރީލަންކާ ހަތަރު މީހަކާއި ނޭޕާލް މީހަކާއި އިންޑިއާ މީހެއް ކަމަށެވެ. މި ބައްޔަށް މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް މާލެއިން ޕޮޒިޓިވްވި މީހުންނެވެ.
ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މިއޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6660 އަށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2521 ހިމެނޭއިރު 169 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. މި ބަލި ޖެހި މިހާތަނަށް 4113 މީހުން ވަނީ ރަނގަޅުވެފައެވެ.



advertisment