މިއީ ބޮލީވުޑްގެ ފަނޑުވުމެއްނުވާ ތަރި އަމީތާބު ބައްޗަން، މީގެ އެތައް ދުވަހެއް ކުރިން ކުރި އާދަޔާހިލާފު ތަޖުރިބާއެކެވެ. މިއީ އޭނާ އެ ވާހަކަ ކިޔައިދިން ގޮތެވެ.
ބުންޏެވެ:
އަހަރެންގެ ފިލްމީ ހަޔާތުގެ އެންމެ އުސްމިނުގައި އުޅުނު ދުވަސްވަރެވެ. އަހަރެން މަތިންދާބޯޓަކުން ކުރި ދަތުރެކެވެ.
ސީދާސާދާ މީހަކު އަހަރެންނާ ޖެހިގެން އިން ސީޓުގައި އިށީނެވެ. އޭނާ ލައިގެން އިނީ އާދައިގެ ގަމީހަކާއި ފަޓުލޫނެކެވެ. އޭނާ ވައްތަރީ ތައުލީމު ލިބިފައިވާ މެދުފަންތީގެ މީހަކާއެވެ.
އެހެން ފަސިންޖަރުންނަށް އަހަރެން ފެނިފައި އަހަރެންގެ ގާތަށް އައިސް އަހަރެންނާ ވާހަކަ ދައްކާ ހެދިއެވެ. ނަމަވެސް އަހަރެންނާ ޖެހިގެން އިން ގޮނޑީގައި އިށީން އެއްކަލަ ފަސިންޖަރަށް އަހަރެން އޭނާގެ ގާތުގައި އިންކަން ނޭނގޭ ކަހަލައެވެ. އޭނާ އިނީ މަޑުމައިތިރިކަމާއެކު ފޮތެއް ކިޔާށެވެ. ފްލައިޓްގެ ކުޑަދޮރުން ބޭރަށް ބައެއް ފަހަރު ބަލައިލައެވެ. ސައިތައްޓެއް ގެނައުމުން އޭތި ބޯލީ ހަމަހިމޭންކަމާއެކުއެވެ.
އަހަރެން އޭނާއާ ދިމާއަށް ހީނލީމެވެ. އޭނާއާއެކު ވާހަކަ ދައްކާލާހިތްވީމައެވެ. އޭނާ އަހަރެންނާ ދިމާއަށް ބަލައިލިއެވެ. އިހުތިރާމާއެކު އަހަރެންނާ ދިމާއަށް ހިނިތުންވެލިއެވެ. އަދި "ހަލޯ"އޭ ބުނެލިއެވެ.
އަހަރެމެން ދެ މީހުން ދެން ވާހަކަ ދައްކަން ފެށީމެވެ. ފިލްމީ ދާއިރާއާ ބެހޭ ސުރުހީތައް އަހަރެން އަޅައިލީމެވެ. "ތިބާ ފިލްމް ބައްލަވަންތޯއެވެ؟" އޭނާއާ އަހަރެން ސުވާލުކުރީމެވެ.
އޭނާ ޖަވާބުދިނެވެ: "ވަރަށް މަދުންނެވެ. ވަރަށް ގިނަ އަހަރުތަކެއް ކުރިން ފިލްމެއް ބެލީމެވެ."
އަހަރެން މަސައްކަތް ކުރަނީ ފިލްމީ ސިނާއަތުގައި ކަމަށް އަހަރެން ބުނީމެވެ.
އޭނާ ޖަވާބުގައި ސުވާލެއް ކުރިއެވެ: "ތިބާ (ފިލްމީ ސިނާއަތުގައި) ކުރަނީ ކޮން ކަމެއް ހެއްޔެވެ؟"
އަހަރެން ބުނީމެވެ: "އަހަރެންނަކީ ފިލްމް ކުޅޭ އެކްޓަރެކެވެ."
އޭނާ ބުންޏެވެ: "ތިޔައީ ވަރަށް ރަނގަޅު ކަމަކެވެ." މިހެން ބުނެލައިފައި އޭނާ ކިޔަން އިން ފޮތް ކިޔުމައިގެން މަސްއޫލުވިއެވެ.
ފްލައިޓުން އަހަރެމެން ފައިބަމުން އޭނާގެ އަތާއި އަތް ޖޯޑުކޮށް ސަލާމްކޮށްލައިފައި އަހަރެން ބުނީމެވެ: "ތިބާއާއެކު ދަތުރުކޮށްލެވުނުކަން ވަރަށް ރަނގަޅެވެ. ދެން އަނެއްހެން ބުނެލަން އޮތީ އަހަރެންގެ ނަމަކީ އަމީތާބު ބައްޗަން ކަމެވެ!"
އޭނާ ވެސް އަހަރެންގެ އަތުގައި ހިފައި ސަލާންކޮށްލަމުން ހިނިތުންވެލައިފައި ބުންޏެވެ: "ޝުކުރިއްޔާއެވެ. ތިބާއާ ބައްދަލުވީތީ އަހަރެން ވެސް އުފާކުރަމެވެ. އަހަރެންގެ ނަމަކީ ޖޭ.އާރް.ޑީ ޓާޓާއެވެ." (ޓާޓާ ކުންފުނީގެ ޗެއާމަނެވެ!)
އެ ދުވަހު އަހަރެންނަށް ލިބުނު ފިލާވަޅަކީ ކޮންމެ މީހަކަށް ވެސް އެ މީހަކީ އެންމެ "ބޮޑު" މީހާ ކަމަށް ބެލިއަސް އެ މީހާއަށްވުރެ އަދި މާ ބޮޑު މީހަކު ހުރެދާނެ ކަމެވެ. އެހެންކަމުން ތިބާގެ ކެރިއަރުގައި ހިތްތިރިކުރުމަކީ މުހިންމު ކަމެކެވެ. އެއީ އަތުން ހަރަދެއް ދާނެ ކަމެއް ނޫނެވެ. ތިބާއާ ދިމާވާނީ ކާކާ ކަމެއް ކުރިއަކުން ބުނާކަށް ނޭނގޭނެއެވެ.
ނޯޓު: ޓާޓާ ކުންފުންނަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. މިލްކިއްޔާތުގައި 386 ބިލިއަން ޑޮލަރު ހުރި ޓާޓާ ގްރޫޕް 1868 ވަނަ އަހަރު އުފެއްދީ މުމްބާއީގައެވެ. މިއަދު އެ ކުންފުނީގެ ގޮފިތައް 150 އަށްވުރެ ގިނަ ގައުމުގައި ހުރެއެވެ. ފްރާންސްގައި 1904 ގައި އުފަންވި ޖަހަންގީރު ޓާޓާ (ފޮޓޯގެ ކަނާތުގައި) މަރުވީ އުމުރުން 89 އަހަރުގައި 1993 ވަނަ އަހަރު ސްވިޒަލެންޑްގައެވެ.



advertisment