ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފިއެވެ.
"ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް"ގެ ނަމުގައި ޖޫން 30 އިން ޖުލައި 4 އަށް ބޭއްވި ފަސް ދުވަހުގެ މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވިއެވެ.
މި މަހާސިންތާގައި ވަނީ ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ "ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" އިފްތިތާހުކޮށްފައެވެ. ޖުމްލަ 351 ސަފްހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. މި ފޮތުގައި ކުންފުނީގެ ޚިދުމަތުގެ ތާރީޙާއި ތަސައްވުރާއި އަމާޒުގެ އިތުރުން އިންޖީނުގެތަކުގެ އޮނިގަނޑާއި އިންޖީނުގެތަކުގެ މަސައްކަތްތަކާއި ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުންވެސް ކުންފުންޏާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނައިފައެވެ.

ސްޓޭޝަން މެނޭޖަރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުންގެ ފިކުރަކީވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސްޓެލްކޯއަކީ ވަސީލަތްތަކާއި މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލްކަމަށްބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުންވެސް މި ހިންގި ޑެވެލޮޕްމަންޓް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެމަގަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން އަބަދުވެސް މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި، އެ މުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް އަބަދުވެސް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރު ވިދާޅުވުއެވެ.
"ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއަށްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތި ހުރިހާ ބޭފުޅުން ގޮވައިގެން އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ. އެ ބަދަލުތައް ފެންނަންވާނެ މުސްތަގުބަލުގައި. އަޅުގަނޑު ޔަގީންކުރަނީ، އުމްމީދު ކުރަނީ ކުންފުންޏަށް ބަދަލުއަންނަތަން ދުރު ނޫން މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް،" ފަހުމީ ވިދާޅުވިއެވެ.
މި މަހާސިންތާގައި ވަނީ ލީޑަޝިޕް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފައިވެއެވެ.



advertisment

