Support Us

މަނަދޫގެ މާނައަކީ ކޮބާ؟

މަނަދޫއަކީ ރާއްޖޭގެ ގަދީމީ ރަށްރަށުގެ ތެރެއިން ރަށެކެވެ. އަދި މަނަދޫއަކީ އެންމެ އެވޭލާ ޒަމާނުއްސުރެ މަޝްހޫރު ރަށެއް ވެސް މެއެވެ. ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ރަސްމީ ލިޔެކިޔުންތައް ކަމަށްވާ އިސްދޫ ލޯމާފާނާއި، ދަނބިދޫ ލޯމާފާނުގައި ވެސް މަނަދޫގެ ވާހަކަ އޮވެއެވެ. މަނަދޫއަކީ އެންމެ ކުރިއްސުރެ މިލަދުންމަޑުލުގައި ވާރުކުރާ ރަށެވެ. މިލަދުންމަޑުލު، އުތުރުބުރިއާއި ދެކުނުކުރިއަށް ބައި ކުރެވުނުއިރު މިލަދުންމަޑުލު ދެކުނުބުރީގެ ވާރުކުރާ ރަށެވެ. ނ. އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށެވެ.

މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ރަށްތައް ބެހެނީ ތިން ބަޔަކަށެވެ. އެއީ އެންމެ ދުވަސްވީ ރަށްތަކާއި، މެދު ޒަމާނުގެ ރަށްތަކާއި، ފަހުން އުފެދުނު ރަށްތަކެވެ. މީގެ ތެރެއިން އެންމެ ދުވަސްވީ ރަށްތަކަށް ނަން ކިޔާފައިވަނީ އެ ރަށްރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވި ގޮތާމެދު މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއެކު އެ މީހުން ވާހަކަ ދައްކާފައިވާނެކަމަށް ގަބޫލުކުރެވެނީ ދިވެހިބަހުގެ ވެސް އަސްލު ގުޅިފައިވާ އިންޑޯ-އާރިއަން ގޮފީގެ ބަސްތަކުގެ ތެރެއިން ބަހަކުން ވާހަކަ ދައްކާ ބައެކެވެ. އެހެންކަމަށް ވާނަމަ އެ ބަހަކަށް ސާންސްކްރިތު ބަހުގެ ނުފޫޒު ފޯރާފައި އޮންނާނެއެވެ. ރާއްޖޭގެ އެންމެ ގަދީމީ ރަށްރަށުގެ ނަންތައް އައިސްފައިވަނީ ސީދާ ސާންސްކްރިތު ބަހުންކަމުގައި ލުތުފީ ވިދާޅުވެއެވެ. އަދި ބައެއް ރަށްރަށުގެ ނަމުން އަވަށްޓެރި އެހެން ބަސްތަކުގެ އަސަރުތައް ވެސް ފެނެއެވެ.

މަނަދޫގެ ނަމަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ނަންތައް ކިޔާފައިވާ ގޮތަށް ދެ ލަފުޒަކުން ކިޔާފައިވާ ނަމެކެވެ. އެއް ލަފުޒަކީ ރަށުގެ އަސްލު ނަމެވެ. އެއީ "މަނަ" އެވެ. ދެން އޮތް ލަފުޒު ކަމުގައިވާ "ދޫ" އަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގެ ނަންތައް ނިމޭ އަކުރެވެ. "ދޫ" މި ލަފުޒުގެ އަސްލަކީ "ދު" އެވެ. "ދު" ގެ މާނައަކީ ރަށެވެ. ރާއްޖޭގެ ލޯމާފާނުތަކުގައި ހަތަރު ގޮތަކަށް ދާލަށް ނިމޭ ރަށްރަށުގެ ނަން ލިޔެފައިވެއެވެ. އެއީ "ދު، ދުވު، ދުވަ، ދުވި" މި ހަތަރު ގޮތެވެ. މި ގޮތަށް ފިލި ބަދަލުވެފައި ވަނީ ޖުމުލައިގެ ތެރޭގައި ރަށުގެ ނަން ހިމެނޭ މަގާމުގެ ގޮތުންނެވެ. މަނަދޫގެ އަސްލު ނަމަކީ "މަނަދު" އެވެ. މަނަދޫގެ ނަން މަނަދުވު، މަނަދުވަ، މަނަދުވި މިއިން ކޮންމެ ގޮތަކަށް ބޭނުންކޮށްފައި ވިޔަސް އަސްލު ނަމަކީ "މަނަދު" އެވެ. "މަނަދު" މި ނަން "މަނަދޫ" އަށް ބަދަލުވެގެން އައީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން ރަށުގެ ނަން ނިމޭ އަކުރު "ދޫ" މިގޮތަށް ކިޔާ އެހެން ރަށްރަށުގެ ނަމަށް ވެސް އައި ބަދަލާއެކުގައެވެ. ދާލުގައި އުބުފިލީގެ ބަދަލުގައި އޫބޫފިލި ބޭނުންކުރިޔަސް ހަގީގަތުގައި ކުރީ ޒަމާނުގައި ދާލުގައި އޫބޫފިލި ބޭނުންކުރަމުން އައީ ރަށުގެ ނަން ބޭނުންކުރާއިރު "ގެ" މި އަކުރުގެ ބަދަލުގައިކަން ދޭހަވެއެވެ. "މަނަދޫގެ ފަޅު" މިގޮތަށް ކިޔުމުގެ ބަދަލުގައި ކިޔަނީ "މަނަދޫ ފަޅު" މިގޮތަށެވެ. "މަނަދޫގެ މީހެކޭ" ބުނުމުގެ ބަދަލުގައި ކިޔަނީ "މަނަދޫ މީހެކެވެ." "މަނަދޫއަށް ދާން" މިއީ ކުރީގައި ކިޔާގޮތެއް ނޫނެވެ. ކިޔަނީ "މަނަދުއަށް ދާން" މިގޮތަށެވެ. ހާލަތާ ގުޅިގެން ރަށުގެ ނަން ބޭނުން ކުރަމުން އައީ ރަށުގެ ނަމުގެ އަސްލަށް ރުޖޫޢަކޮށްގެންނެވެ. ދިވެހި ބަސްފޮތުގައި "ދޫ" މި ލަފުޒުގެ މާނަތަކުގެ ތެރޭގައި "ރަށް" އޮވެއެވެ. "ދު" މި ލަފުޒުގެ މާނައެއް ބަސްފޮތަކު މިހާރަކު ނެތެވެ.

މަނަދޫގެ ނަމުގެ މައިގަނޑު ނަމަކީ "މަނަ" އެވެ. ދިވެހި ބަސްފޮތް މިއަދު (22 ޖޫން 2024) ބެލިއިރު "މަނަ" މި ލަފުޒުގައި ހަތަރު މާނައެއް އެބައޮތެވެ. އެއް މާނައަކީ ގަހެއްގެ ލަކުޑިން ނުކުންނަ ކިރެއް ކަމަށް އޮތް އޮތުމެވެ. މިއީ ދިވެހި ބޭހަށާއި ވަރުނީސް ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ އެއްޗެކެވެ. ދެވަނަ މާނައަކީ ކިލާތަކެތި ތަތްވެގެން ވާ ހަރެވެ. ތިންވަނަ މާނައަކީ ބައެއް ތަކެތި ހިކިގެންގޮސް ވާ ވަރެވެ. ހަތަރުވަނަ މާނައަކީ "ހިކި" އެވެ. މިއިން އެއްވެސް މާނައަކާ މަނަދޫއާ ގުޅުމެއް ވާކަމެއް އެނގޭކަށް ނެތެވެ.

ސަންސްކްރިތު ބަހާއި، ޕާލީ ބަހާއި، ޓިބެޓިއަން ބަހުގައި "މަނަ" ގެ މާނައަކީ ފަޚުރާއި، ޢިއްޒަތާއި، ގަދަރެވެ. ސަންސްކްރިތު ބަހުން އޮތް ހިންދޫ ދީނުގެ މުޤައްދަސް ލިޔުމެއް ކަމަށްވާ ބަގްވަތު ގީތާއިން އެނގޭގޮތުގައި "މަނަ" އަކީ އެ ދީނުގެ ވެސް މުޤައްދަސް ލަފުޒެކެވެ.

ދީނާއި މައިތޮލޮޖީއަށް ބަލާއިރު އެއް މާނައަކީ ކަނޑުގެ ސަގާފަތުގެ ގޮތުގައި ކުރެވޭ މާނަކުރުމެވެ. މެލަނީޝިއަން އަދި ޕޮލިނީޝިއަން މައިތޮލޮޖީގައި "މަނަ" މާނަ ކުރެވެނީ ކައުނުގައިވާ ރޫޙާނީ ދިރުމުގެ ބާރުގެ ހަކަތަ ނުވަތަ ޝިފާ ލިބޭ ބާރަށެވެ. "މަނަ" ކިޔާ ރަށެއް އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމޯލީ ޑިސްޓްރިކްޓްގައި އޮވެއެވެ. މި ރަށަކީ އިންޑިއާ އާއި ޓިބެޓްގައި އޮންނަ ބުދުދީނުގެ ސަގާފަތާ ގުޅުންއޮތް އެ ސަރަޙައްދުގައި އޮތް ބުދުދީނުގެ މަޒުހަބުގައި އިސް ރަށެކެވެ. ފިޖީއާއި ދުނިޔޭގެ އެހެން ބައެއް ސަރަހައްދު ތަކުގައި ވެސް މަނަގެ ނަން ކިޔާ ގަދީމީ ރަށްރަށް އެބަހުއްޓެވެ.

އިނގިރޭސިބަހުން ބަލާއިރު މަނަގެ މާނައަކީ މީހެއްގެ ނުވަތަ އެއްޗެއްގައި ހުންނަ ރޫޙާނީ ބާރެވެ. މީގެ އިތުރުން ނުފޫޒާއި، ޝަރަފާއި، އިޚުތިޔާރުފަދަ މާނަތައް އިނގިރޭސު ބަހުގެ މާނަތަކުގެ ތެރޭގައި ވެސް ހިމެނެއެވެ.

ޢަރަބި ބަހުން ގަދީމީ ޒަމާނުގައި ތަންތަނާއި ރަށްރަށަށް ކިޔާ ނަންނަމަށް ބަލާއިރު މަނައާ ގުޅޭ އެއް ލަފުޒަކީ "މަނާ" އެވެ. މަނާއަކީ މިނެކިރަން ގެންގުޅޭ އާލާތެކެވެ. ރަށަކަށް ނިސްބަތްކުރާނަމަ މިއީ ޤަދީމީ ޒަމާނުގައި އެކި ހިސާބުތަކުން މީހުން ވިޔަފާރިކަމު އައިސް އެއްޗެހި މިނެކިރައިގެން ގަނެވިއްކާ ރަށެވެ. މި ނަޒަރިއްޔާތުން ބަލާ ނަމަ މަނާދޫ ކިޔަމުން އައިސް، ޢަރަބި ކަލިމަ “މަނާ” “މަނަ”އަށް ބަދަލުވެ މަނަދޫ އަށް ބަދަލު ވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން "މަނު" މިއީ ދިވެހީން ކުރީ ޒަމާނުގައި މިނެކިރުމުގައި ގެންގުޅުން މިންގަނޑެކެވެ. މަނަކީ އަށްޑިހަ ރާތަލެވެ. ނުވަތަ ސާޅީސް ސެރެވެ. ސެރަކީ ދެ ރާތަލުގެ ބަރުދަނެވެ.

ގަދީމީ ގުރީކު ބަހުން ބަލާއިރު މަނަގެ މާނައަކީ މަންމައެވެ. ރަށަކަށް ނިސްބަތްކުރާއިރު އެއީ ރަށްތަކެއްގެ މައިރަށެވެ.

ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ރަށްރަށަށް ނަން ކިޔާފައިވާ ސާންސްކްރިތު ބަހާއި އޭރު ދިވެހީންގެ ދީނީ ޢަޤީދާއަށް ބަލައި މާނަކުރާއިރު މަނަދޫގެ މާނައަކީ ހައިބަތާއައި ޢިއްޒަތާއި ގަދަރާއި ޝަރަފުވެރިކަން ލިބިގެންވާ ރަށެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *